ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންއަށް 17 އަހަރުން ދަށުގެ ޓީމު ސައުދީއަށް


އަންނަ އޮކްޓޯބަރު މަހު ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝީއަން ކަޕް ކޮލިިފިކޭޝަނުގައި ވާދަކުރުމަށް ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ސައުދީ އަރައްބިޔާއަށް ފުރައިފިއެވެ.

ކޮލިފިކޭޝަން މެޗުތައް ސައުދީގައި ކުރިއަށްދާނީ ސައުދީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ ހެމިނޭއިރު، މި ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އާއި، އިންޑިއާ އާއި، މިޔަންމާ އަދި ކުވޭތެވެ.

ކޮލިފައިންގައި ވާދަކުރުމަށް ބުދަ ދުވަހު ސައުދީއަށް ފުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކޯޗު އިސްމާޢީލް އާސިފް (ކުޑަހީނާ) ބުނީ ކޮލިފައިންއާ ކުރިމަތިލާއިރު ޓީމު ބޭނުންވާ ގޮތަށް ބައްޓަންކޮށް ކުރިއަރުވަން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕްރެކްޓިސް މެޗުތަކެއް ނުލިބުން ކަމަށެވެ.

އެގޮތުން ޕްރެކްޓިސް މެޗު ކުޅެން ޖެހެނީ މެޗު ފިޓްނަސް އާއި މެޗު އެކްސްޕީރިއަންސް ހޯދުމަށް ކަމަށާއި، ޓީމުގެ ކުޅުންތެރިންގެ ހުނަރު ހުރި ނަމަވެސް އެކަންކަން ހަމަނުޖެހި ޓީމު ބައްޓަންކުރަން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ބުންޏެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންއަށް ދިއުމުގެ ކުރިން ޓްރެއިނިން ކޭމްޕެއް ލިބުނުނަމަ ޓީމަށް އިތުރު ކުރިއެރުން ގެނެވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށްވެސް ކުޑަހީނާ ވަނީ ބުނެފައެވެ.

17 އަހަރުން ދަށުގެ އޭއެފްސީ އޭޝީއަން ކަޕް ކޮލިިފިކޭޝަނުގައި ޒުވާން ޓީމު ވާދަކުރާއިރު، ލަންކާގައި މި މަހު ކުރީކޮޅުގައި ބޭއްވި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް މި ޓީމު ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 5-0 ގެ ނަތީޖާއަކުން ބަލިވެ، އަދި ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ސައުދީގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ކުވޭތާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން ހޯމަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭއިރު، ތިންވަނަ މެޗުގައި ސައުދީއާ ދެކޮޅަށް ކުޅޭނީ ބުދަ ދުވަހެވެ. އެއަށްފަހު ތިން ދުވަސް ފަހުން، ގްރޫޕުގެ ފަހު މެޗުގައި ރާއްޖޭން މިޔަންމާއާ ކުޅޭނީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.