ޚަބަރު

މާލޭގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ލިބޭނީ އަތޮޅުތެރެ ތަރައްޤީކޮށްގެން: ޔައުގޫބު


މާލޭގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ލިބޭނީ އަތޮޅުތެރޭގެ ރަށްތައް ތަރައްޤީ ކުރެވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދަށް ތޮށްޖެއްސުން ކުޑަކޮށް، ހަމަހަމަ އުސޫލުން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ގެނެސްދެމުންދާ ތަރައްޤީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބާބު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އެންމެ ބޮޑު ޔަގީންކަމަކީ ހަމަހަމަ އުސޫލުން މުޅި ރާއްޖެ ތަރައްޤީ ކުރުންކަމަށެވެ. އަދި ނިމިދިޔަ ވެރިކަންތަކުގައި މާލެ ސަރަހައްދު ތޮއްޖައްސައި މަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގި ސިޔާސަތު ދޫކޮށްލުމަކީ މުޅިރައްޔިތުންނަށް މިކަމުން ފައިދާ ކުރާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މަރުކަޒީ ނިޒާމުގެ ސަބަބުން ތަރައްޤީގައި އެންމެ ދަތިހާލުގައި އުޅެންޖެހުނު އެއްބަޔަކީ މާލޭގެ ރައްޔިތުންކަމަށް ޔައުގޫބް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ އަސްލު މައްސަލައަކީވެސް ތޮއްޖެއްސުމުގެ ސަބަބުން ކުރިމަތިވިކަމެއްކަމަށް ޔަގޫބް ވިދާޅުވިއެވެ. މިސިޔާސަތު ބަދަލުކުރުމަށް މިސަރުކާރުން މުޅި ރާއްޖެ ތަރައްޤީކޮށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، އެނޫންވެސް ގިނަ ޚިދުމަތްތަކެއް ޤާއިމް ކޮށްދެއްވަމުންދާކަމަށެވެ.

"މާލޭގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ނުލިބެނީ ތޮއްޖެއްސުމުގެ ސިޔާސަތުގެ ސަބަބުން. މިޒާމު ބަދަލު ކުރުމަށް މިއަދު މިގެނެވޭ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން ނަތީޖާ އެބަފެނޭ. މިއަދު އެއްވެސް ތަފާތެއް އާބާދީގެ ކުޑަބޮޑު މިނެއްނެތި ހަމަހަމަ ކަމާއިއެކު މުޅި ރައްޔިތުންނަށް މިދަނީ ޚިދުމަތް ދެމުން." ޔައުގޫބް ވިދާޅުވިއެވެ.

މިއަދު ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ ނަތީޖާ ފެނިގެންދަނީ މުޅި ރާއްޖެއިންކަމަށް ޔައުގޫބް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި، ކަރަންޓު ޔަގީން ކޮށްދެއްވުމާއި، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމަކީ އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރެވުނު މުހިންމު މަސައްކަތްތަކެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ސަރުކާރުން އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރާކޮންމެ ކަމެއްގެ ހެޔޮ ބަދަލު ފެނިގެންދާނީ މާލެ ސަރަހައްދުންކަމަށް ޔައުގޫބް ވިދާޅުވިއެވެ. މާލޭ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި އަސާސީ އެނޫން ޚިދުމަތްތައްވެސް އަތޮޅު ތެރެއެކޭ އެއްގޮތަށް މިސަރުކާރުން ކަށަވަރު ކޮށްދޭނެކަމަސް ޔައުގޫބް ވިދާޅުވިއެވެ.