ޚަބަރު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހޯމަދުވަހު ސަރުކާރު ބަންދު


ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް"، ފާހަގަކުރުމަށް ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވީ، ފަތުރުވެރިކަމުގެ 50 ވަނަ އަހަރުގެ ޕްރޮގްރާމްތައް އިފްތިތާޙުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ.

މިއީ ރަސްމީ ސިފައެއްގައި މިކަމަށް ޚާއްސަ ދުވަހެއް ކަނޑައަޅާ ފާހަގަކުރަން ނިންމި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް، 27 ސެޕްޓެމްބަރާއި ގުޅުވައިގެންނެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރު ހަމަޖެއްސެވީ، އެ ތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަހެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަކުރުމަށް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.