ޚަބަރު

ޕާކިސްތާނަށް އެހީވުމަށް ބޭއްވި ޓެލެތޯން ކާމިޔާބުކަމާއެކު ނިންމާލައިފި


ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބޭއްވި "ހެލްޕް ޕާކިސްތާން" ޓެލެތޯން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޓެލެތޯން ނިންމާލިއިރު 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ލިބިފައެވެ.

ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދިޔަ މި ޓެލެތޯންއަކީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ދަޢުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަދު ހެނދުނު 8 އިން ރޭގަނޑު 12 ޖަހަންދެން ކުރިއަށް ގެންދިޔަ މި ޓެލެތޯންގައި ވަނީ ޕާކިސްތާނަށް އެހީވުމުގެ ގޮތުން މާލޭގެ 5 ސަރަޙައްދެއްގައި ފަންޑު ފޮށި ބަހައްޓާފައެވެ. އެގޮތުން އާޓިފިޝަލް ބީޗު، ވިލިމާލޭ ފެރީ ޓަރމިނަލް، ދިވެހިރާއްޖޭގެ އަޑު، ޓީވީއެމް، ޖުމްހޫރީ ޕާކުގެ އިތުރުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ފަންޑު ފޮށި ބެހެއްޓިއެވެ.

މީގެ އިތުރުން ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެގޮތް ވަނީ ހަމަޖައްސާފައެވެ. އަދި، ދިރާގު-ޕޭ އަދި އުރީދޫ އެމް-ފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.

"ހެލްޕް ޕާކިސްތާން" ޓެލެތޯނަކީ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކުގެ ފެށުމެއްކަމަށާއި، ޓެލެތޯން އެއް ދުވަހަށް ކުރިއަށްގެންދިޔަ ނަމަވެސް، ޕާކިސްތާނަށް އެހީވުމަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްއޮތްތަނުގައި ހިންގާނެކަމަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުނެއެވެ.

މިދިޔަ ޖޫންމަހު ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން އެ ޤައުމުގައި ފެންބޮޑުވުމާއި ބިންގަނޑު ކަޑައިގެން ދިއުންފަދަ ޙާދިސާތަކުގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އަދި ގާތްގަޑަކަށް 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާއިރު، އޭގެ ތެރޭގައި 16 މިލިޔަން ކުޑަކުދިންވެސް ހިމެނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން 7.9 މިލިއަން މީހުންގެ ގެދޮރު ގެއްލި 2 މިލިޔަނަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި 6.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާއިރު އެޤައުމުން 1600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ޕާކިސްތާނަށް މިހާރު ދިމާވެފައިވާ ހާލަތުން ވަގުތީ ހިޔާތަކުގައި އެތައް މިލިޔަން ބަޔަކު އެބަތިއްބެއެވެ. އެތައްބަޔަކު އެއްތަނެއްގައި ތިބެންޖެހުމާއި އެކަށީގެންވާ ސާފުތާހިރުކަމާއި ވަޞީލަތްތައް ނެތުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައްވެސް އަންނަނީ އިތުރުވަމުންނެވެ.