އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ކީ އިންޓަރެސްޓް ރޭޓް 50 ބޭސިސް ޕޮއިންޓުން %5.90 އަށް އިންޑިއާގެ މަރުކަޒީ ބޭންކުން މަތިކޮށްފިއެވެ.
އިންޑިއާގެ މަރުކަޒީ ބޭންކުން ބުނީ ތަރައްގީވަމުން އަންނަ އިގްތިސާދުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކުރިއެރުން މަޑުޖެހި، ކާބޯތަކެތީގެ އަގު މަތިވުމާއި، ދަރަނީގެ ދަތިކަމާއި ފައިސާގެ އަގު ދަށްވުންކަމަށެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރު ޝަކްތިކަންތާ ދާސް ލަފާކުރައްވާ ގޮތުގައި އަންނަ މާޗްމަހުގެ ނިޔަލަށް ކުރިއަށްދާ މި މާލީ އަހަރުގެ އިންފްލޭޝަން %6.7 އަށް މަތިވާނެއެވެ. އަދި ޖޫން މަހަކީ މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ ލެވެލް އަށްވުރެ 6 އިންސައްތަށްވުރެ މަތީގައި އިންފްލޭޝަން ރޭޓު ހުރީ ޖެހިޖެހިގެން 6 ވަނަ މަސް ކަމަށް ބޭންކުގެ މާލީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
ބޭންކުގެ މާލީ ކޮމިޓީން ވަނީ އިންޑިއާގެ އިގްތިސާދީ ދުވެލި %7.2 އިން %7 އަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައެވެ. އިގްތިސާދީ ދުވެލި %7 އަށް ހަލުއިވާނެ ކަމަށް މީގެކުރިން އޮގަސްޓްމަހު ބޭންކުން ވަނީ ލަފާކޮށްފައެވެ. ކުރިއަށް އޮތް މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގެ އިގްތިސާދީ ދުވެލި ގާތްގަނޑަކަށް 6.7 އިންސައްތައަށް ހަލުއިވާނެ ކަމަށް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ދާސް ވިދާޅުވީ ދުނިޔެއަށް އެއް ކާރިސާއަށް ފަހު އަނެއް ކާރިސާ ކުރިމަތިވި ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމާއިގެ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ހަމަނުޖެހުންތަކުގެ ލޮޅުންތަކުގެ ސަބަބުން އިންޑިއާއަށް މާބޮޑު އަސަރެއް ކޮށްފައިނުވާ ކަމަށެވެ. މީގެއިތުރުން އިންޑިއާ ރުޕީސްގެ އަގު ދަށްވީ ނަމަވެސް އެހެން ގިނަ ފައިސާތަކަށްވުރެ ރުޕީގެ ހާލަތު ރަނގަޅު ކަމަށާއި ރިޒާވް ބޭންކް އޮފް އިންޑިއާގެ ބޭރު ފައިސާގެ ރިޒާވްވެސް ވަރުގަދަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ރުޕީސްގެ އަގު އެންމެ ދަށްވެ، ޑޮލަރަކަށް 81.58 ރުޕީސްއަށް ވަނީ ވެއްޓިފައެވެ.