ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ޕާކިސްތާނަށް އެހީވާން ފަންޑު ފޮއްޓެއް


ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި ފަންޑު ފޮއްޓެއް ހުޅުވައިފިއެވެ.

މިއީ "ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން ކުރިއަށްގެންދިޔަ ޓެލެތޯންއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ އެ ފަންޑު ފޮށި މިއަދު ހެނދުނު 8:00 އިން މިރޭ 9:00 އަށް ކިންގް ސަލްމާންގެ ގޯތި ތެރޭގައި ފަންޑު ފޮށި ހުޅުވާފައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން، ފައިސާ ފޮނުވުމަށް ޚާއްސަ އެކައުންޓެއް ވަނީ ހުޅުވާފައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާ ހަވާލުވެ ހުންނަވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ އެހީ ހޯދުމަށް ކުރާ މަސައްކަތަކީ އެ މަރުކަޒުގެ މުދައްރިސުންގެ އިސްނެގުމާއެކު ކުރިއަށްދާ ހަރަކާތެއް ކަމަށާއި މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރަށް މުވައްޒަފުންވެސް މިމަސައްކަތުގައި ބައިވެރިވާނެކަމަށެވެ.

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ތަފާތު ހަރަކާތްތައްދަނީ ހިންގަމުންނެވެ. އެގޮތުން ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އަދި، ދިރާގު-ޕޭ އަދި އުރީދޫ އެމް-ފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.

މިދިޔަ ޖޫންމަހު ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން އެ ޤައުމުގައި ފެންބޮޑުވުމާއި ބިންގަނޑު ކަޑައިގެން ދިއުންފަދަ ޙާދިސާތަކުގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އަދި ގާތްގަޑަކަށް 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާއިރު، އޭގެ ތެރޭގައި 16 މިލިޔަން ކުޑަކުދިންވެސް ހިމެނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން 7.9 މިލިއަން މީހުންގެ ގެދޮރު ގެއްލި 2 މިލިޔަނަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި 6.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާއިރު އެޤައުމުން 1600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.