ޚަބަރު

4 އަހަރުތެރޭ 33 ރިސޯޓާއިއެކު އެތައްހާސް ވަޒީފާ އުފެދިއްޖެ : ރައީސް


ފާއިތުވި 4 އަހަރުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި އަލަށް ހުޅުވުނު 33 ރިސޯޓާއިއެކު އެތައް ހާސް ވަޒީފާއެއް އުފެދިގެން ގޮސްފައިވަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ފަހަރަށް ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމަށްވާއިރު، މި ސިނާއަތް ކުރިއެރުވުމަށް އޮތް އެންމެބޮޑު ހުރަހަކީ ރިސޯޓްތައް އިތުރުނުވެ އޮތުމާއި، ދިވެހިންނަށް ވަޒީފާ ލިބޭ މިންވަރު މަދުވުމެވެ. ނަމަވެސް ފާއިތުވި 4 އަހަރުގެ ތެރޭގައި މި ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ސިޔާސަތުގެ ދަށުން މުޅިން އަލަށް ވަނީ 33 ރިސޯޓެއް ހުޅުވާފައެވެ.

ރިސޯޓުތަކުގެ އިތުރުން، ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކުގެ ޢަދަދު އިތުރުކޮށް، އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ފަހިކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. މި މަސައްކަތުގައި 471 ގެސްޓުހައުސްއެއް ވަނީ ހުޅުވިފައެވެ. މިއީ 8385 ކޮޓަރި ނުވަތަ 16783 އެނދެވެ. މިއިން ކޮންމެ ރިސޯޓަކާއި، ގެސްޓު ހައުސްއަކާއެކު އެތައްހާސް ވަޒީފާތަކެއް ވަނީ އުފެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ 50 އަހަރު ފުރިފައިވާއިރު ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިޒޯޓް އޮތްކަމަށެވެ. އަދިވެސް އިތުރު ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ކަމަށާއި، އެ ރިސޯޓުތައް ހުޅުވުމުން، ރާއްޖޭގެ ރިސޯޓުތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުޞަތެއް ހުޅުވިގެންދާނެ. އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެކަމުގެ ޙަޤީޤީ މަންފާ ލިބޭނީ، ތަޢުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ މިއަދު މިދެކޭ ތަރައްޤީގައި ރާއްޖޭގެ އިޤްތިޞާދު ހަލުވި ދުވެލީގައި ކުރިއަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާއަތު ކަމަށެވެ. ފަތުރުވެރިކަމުން އުފެދޭ ވަޒީފާތަކާއެކު، މުވައްޒިފުންނަށް ދެވޭ އުޖޫރައަކީ ރަނގަޅު އުޖޫރައަކަށް ހެދުމަށް ސަރުކާރުން ވަނީ މިނިމަމްވޭޖް ކަނޑައަޅައި ރިސޯޓްތަކުގެ މުވައްޒިފުންނަށް ލިބެންޖެހޭ ހައްގު މިންވަރު ހޯދުމަށް ހެޔޮ ބަދަލެއް ގެނެސްދީފައެވެ.

މިއާއެކު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް އެންމެ ކުޑަވެގެން ދެވޭ އުޖޫރައަކީ 8،000 ރުފިޔާކަމަށް ވަނީ ކަނޑައެޅިފައެވެ. މިބަދަލާއިއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ 13،000 ދިވެހި މުވައްޒަފުންގެ މުސާރައަށް ވަނީ ކުރިއެރުން ލިބިގެންގޮސްފައެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.