ޚަބަރު

ހަށިގަނޑު ފެނުނީ ބޯގަސްތަކުގެ ތެރެއިން، ޝައްކު ކުރެވޭ މީހަކު އަދި ނެތް!


މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނީގި ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ފުލުހުންނަށް ވަނީ ފެނިފައެވެ. ހަށިގަނޑު ފެނުނުއިރު ވަރަށްބޮޑަށް ކުނިވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސްއަކުން ކާރެއްގައި ފޭސްދޭއްގެ ހިޔާ ފްލެޓްގެ 13 ޓަވަރަށް ދިއުމަށްފަހު އެރޭ ފަތިހު 4:53 ހާއިރު އަޒްހާން ވަނީ ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގެގައި އޭނާ ކުރިންވެސް އުޅުނު ގެސްޓު ހައުސްއަށް ގޮސްފައެވެ. އަޒުހާން އެ ސަރަހައްދަށް ދިއުމަށްފަހު އެންމެ ފަހުން ފެނިފައިވަނީ ފޭސް އެކެއްގެ ސްކޭޓް ޕާކު ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަޒުހާން އެންމެފަހުން ފެނުނުކަމަށް ބުނާ ސްކޭޓްޕާކް ސަރަހައްދަކީ ރޭގަނޑާއި ދުވާލުވެސް ގިނަ އަދަދެއްގެ މީހުން ސްކޭޓް ކުރުމަށާއި، ފުޓުބޯޅަ ކުޅުމަށްވެސް ގޮސް އުޅޭތަނެކެވެ. އަދި އިއްޔެ ހަވީރު އަޒުހާންކަމަށް ބެލެވޭ ހަށިގަނޑު ފެނިފައިވަނީވެސް ރެޑްބުލް ޕާކް ސަރަހައްދުންނެވެ. މި ހަށިގަނޑު ފެނިފައިވަނީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މާލެ އައުމަށް ބޭނުންކުރާ ނިރޮޅުމަގުގެ ކަނައަތް ފަރާތުގައި ބޯގަސްތަކުގެ ތެރޭގައި އޮތްވައެވެ.

އަޒުހާން ގެއްލިގެން ހޯދާތާ 14 ދުވަސް ވެގެން ގޮސްފައިވާއިރު، އޭނާ ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖާއި، އެނޫން މައުލޫމާތުވެސް ފުލުހުން ވަނީ އެއްކޮށްފައެވެ. އަދި ފުލުހުން ރޭ ހާމަކޮށްފައިވާގޮތުން އަޒުހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީވެސް ސީސީޓީވީ ފުޓޭޖްތައް ބަލައި އެސަރަހައްދު ބެލުމުގެ ތެރޭގައެވެ.

ހަށިގަނޑު ފެނުނުތާ 3 ގަނޑިއިރު ތެރޭގައި ފުލުހުން ވަނީ ރެޑްބުލް ޕާކު ސަރަހައްދުގައި މީޑިއާތަކަށް މިކަމުގެ މައުލޫމާތު ދެއްވާފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑުކަމަށް ވަރަށްބޮޑަށް ބެލެވޭކަމަށެވެ.

ހަށިގަނޑު އޮތީ ވަރަށްބޮޑަށް ކުނިވެ ހަލާކުވެފައިވުމުން، އިތުރު ތަހުލީލުތަކަށް ފުލުހުން ވަނީ ޕޯސްޓްމޯޓަމް ހެދުމަށްވެސް ނިންމާފައެވެ. މިހާރު މި ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައެވެ.

މިހާތަނަށް މިމަރާއި ގުޅިގެން ޝައްކުކުރެވޭ މީހަކުވެސް ދެނެގަނެވިފައެއް ނުވެއެވެ. އަދި އަޒުހާން ގެންގުޅުނު ފޯނުވެސް އަދި މިހާތަނަށް ފެނިފައިނުވެއެވެ.

ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ކޯޑަންކޮށް ބަންދުކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދާއިރު އެސަރަހައްދުން ފުލުހުންނަށް މިމަރާއި ގުޅިގެން ލިބިފައިވާ ކުރިއެރުންތަކުގެ މާބޮޑު ތަފްސީލެއްވެސް އަދި ހާމަކޮށްފައިނުވެއެވެ.

ފުލުހުން މިމަރު ތަޙުޤީޤު ކުރަމުންދަނީ ހޮމިސައިޑް ތަޙުޤީޤު ގޮތުގައެވެ. ހޮމިސައިޑް ތަޙުޤީޤަކީ މީހަކުގެ މަރުގެ ފަހަތުގައި މީހަކު ނުވަތަ ބަޔަކު ތިބި ކަމަށް ބަލައިގެން ކުރިއަށް ގެންދާ ތަޙުޤީޤެކެވެ.