ޚަބަރު

ވިސްލްބްލޯ ޕޯރޓަލް: 22 މައްސަލައެއްގެ ތަހުގީގް ނިންމައި، ދައުވާކުރަން 2 މައްސަލަ ފޮނުވައިފި


ދައުލަތުގެ މުއައްސަސާތަކުގައި އޮތް ކޮރަޕްޝަންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އުފެއްދި ވިސްލްބްލޯ ޕޯރޓަލްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 22 މައްސަލައެއްގެ ތަހުގީގު ނިންމައި 2 މައްސަލައެއްގައި ދައުވާ ކުރަން ފޮނުވައިފިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، 2019ވަނަ އަހަރު ތަޢާރަފްކުރި ވިސްލްބްލޯ ޕޯރޓަލްއަށް 1،000 އަށްވުރެއް ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފައެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 310 މައްސަލައެއް ތަހުގީގު ކުރުމަށް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެކޮމިޝަނުން ރަޖިސްޓްރީކުރީ 259 މައްސަލައެވެ. މީގެ ތެރެއިން އެކޮމިޝަނުން ބަލަން ނިންމާފައިވަނީ 299 މައްސަލައެވެ. މީގެ ތެރެއިން އިވޮލުއޭޝަން މަރުހަލާ ނިމިފައިވާ 247 މައްސަލައެއްވެއެވެ.

ވިސްލްބްލޯ ޕޯރޓަލްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އޭސީސީން ބަލާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 22 މައްސަލައެއްގެ ތަހުގީގް ނިންމައި 2 މައްސަލައެއްގައި ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. މިހާތަނަށް ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ތަހުގީގް މަރުހަލާ ކުރިއަށްދަނީ 125 މައްސައެއްގައެވެ. އަދި މިހާތަނަށް އެކޮމިޝަނުން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 122 މައްސަލައެއް ނިންމާފައެވެ.

ރާއްޖޭގައި އޮތް ޒަމާންވީ ކޮރަޕްޝަންގެ ވަބާ ހުއްޓުވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މިހާރު ގެނެވިފައިވާ ޤާނޫނުތަކާއެކު ބޮޑެތި ބަދަލުތަކެއް އައިސް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރަން ހިތްވަރު ލިބި، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އުފެއްދި ވިސްލްބްލޯ ޕޯރޓަލްއަށް ގިނަ މައްސަލަތައް ދަނީ ހުށަހަޅަމުންނެވެ.

ޕޯޓަލްއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކަށާއި ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އެމް.އެން.ޑީ.އެފަށާއި ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް ހުށަހެޅިފައިވެއެވެ.