ޚަބަރު

ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާރޫމަށް ގެއްލުންވެއްޖެ


މާލެއަށް ކުރަމުންދާ ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ ސާވާރޫމަށް ގެއްލުންތަކެއްވެ، މިއަދު ހެނދުނު ވީޑިއޯ މެދުވެރިކޮށް ބާއްވާން ތާވަލްކުރި އަޑުއެހުންތައް ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ، ކޯޓުގެ ސަރވަރ ރޫމަށް ފެނުގެ އަސަރުކުރުމާއި ގުޅިގެން ސަރވަރ ރޫމުގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. މިގެއްލުންތަކާއި ގުޅިގެން މިއަދުގެ ހެނދުނަށް ތާވަލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ހިންގުމަށް ތާވަލުކުރެވިފައިވާ ހުރިހާ އަޑުއެހުމެއް ވަނީ ކެންސަލް ކޮށްފައެވެ.

ނަމަވެސް ކޯޓަށް ހާޒިރުވެގެން ހިންގުމަށް ތާވަލުކުރެވިފައިވާ އަޑުއެހުންތައް ކުރިޔަށްދާނެކަމުގައި އެކޯޓުން ވަނީ ވިދާޅުވެފައެވެ. މީގެ ކުރިންވެސް ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ، ކޯޓު ރޫމްތަކަށާއި ތަކެއްޗަށް ގެއްލުންވެގެން އަޑުއެހުންތައް ކެންސަލް ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓަށް ވިއްސާރައާ، އަދި ޖާގައިގެ ދަތިކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ދަނީ މަސައްކަތް ކުރަމުންނެވެ.