ޚަބަރު

ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ކަޒަކިސްތާނާއެކު ސޮއިކޮށްފި


ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އައިކާއޯގެ 41ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ. ކަޒަކިސްތާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް އެންޑް އިންފްރަރސްޓްރަކްޗަލް ޑިވެލޮޕްމަންޓްގެ ސިވިލް އޭވިއޭޝަން ކޮމިޓީގެ ޗެއަރމަން ތަލްގަތްލަސްޓާޔެވްއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ފެށުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން ހޯދުމަށްކަމަށެވެ.

ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް މިދިޔަ މަހުގެ 14ވަނަ ދުވަހުން ފެށިގެން އެ ޤައުމުން ގެންދަނީ 30 ދުވަހުގެ އޮންއެރައިވަލް ވިސާވެސް ދޫކުރަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިކާއޯގެ 41ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އަންނަނީ އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި މަޝްވަރާތައް ކުރައްވަމުންނެވެ. މިގޮތުން އެކަމަނީ ވަނީ ޤަތަރާއެކު މިދާއިރާއިން މަޝްވަރާތައް ކޮށްފައެވެ. އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން މެނޭޖްމަންޓް ޚިދުމަތްތަކަށް އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަރނޭޝަނަލް ސިވިލް އޭވިއެޝަން އޯގަނައިޒޭޝަނާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މީގެއިތުރަށް އާންމު ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުމާއި މިދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރާއްޖެއާއި ތުރުކީއާ ދެމެދުވަނީ މަޝްވަރާކޮށްފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ނައިޖީރިއާގެ ފެޑެރަލް މިނިސްޓަރ އޮފް އޭވިއޭޝަން ހާދީ ސިރިކާއާ ބައްދަލުކުރައްވައި މިދާއިރާއިން ދެ ޤައުމުން އެއްބާރުލުންދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ވައިގެ ދަތުރުފަތުރުގެ މުހިންމުކަމާއި ސީޕްލޭން އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.