ދުނިޔޭގެ ވިޔަފާރި

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބައްދަން އިތުރަށް ހޭދަ ނުކުރެވޭނެ: ޕާކިސްތާނު


ދާދިފަހުން ކުރިމަތިލާންޖެހުނު ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތައް ފޫ ބެއްދުމަށް އިތުރަށް ހޭދަކުރެވެން ނެތް ކަމަށް ޕާކިސްތާނުގެ މޫސުމާއި ބެހޭ ވަޒީރު ޝެރީ ރަހްމާން ވިދާޅުވެއްޖެއެވެ. އަދި ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވެދިނުމަށް ބައިނަލްއަގުވާމީ ދުނިޔެއަށް ވަޒީރު ވަނީ ގޮވާއްލާފައެވެ.

"އަޅުގަނޑުމެންގެ އިޤްތިޞާދަށް އެއްވެސް އެހީއެއް ދޭނެ ޖާގައެއް މިހާރު ނެތް. މި ކާރިސާއިން އަރައިގަތުމަށް ފައިސާ ދިނުން ތަރައްގީވެފައިވާ ދުނިޔެއިން އަވަސްކުރަން ޖެހޭ" ޖެނީވާގައި ކުރިއަށްދިޔަ ޕާކިސްތާނަށް އެހީވުމާއި ބެހޭ ކޮންފަރެންސްގައި ރަހްމާން ވަނީ ވިދާޅުވެފައެވެ.

ރަހްމާން ވިދާޅުވީ ޕާކިސްތާނުގެ 8.2 މިލިއަން މީހުންނަށް ބޭސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ކާބޯތަކެތީގެ އިތުރު ސާމާނު އެތެރެކުރަން ޖެހޭނެ ކަމަށެވެ.

ތަޣައްޔަރުވެފައިވާ ފެނުން ޖެހޭ ބަލިތައް އިތުރުވުމުގެ ބިރާއި، ބަނޑުހައިހޫނުކަން ކުރިމަތިވެދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން އދ.ން ޕާކިސްތާނަށް ފޯރުކޮށްދީފައިވާ އިންސާނީ އެހީތެރިކަމުގެ 160 މިލިއަން އެމެރިކާ ޑޮލަރު ވަނީ 816 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ.

ޕާކިސްތާނުގައި ހުންނަ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ހިއުމަނިޓޭރިއަން ކޯޑިނޭޓަރު ޖޫލިއަން ހާރނޭސް ވިދާޅުވިގޮތުގައި އދ.ން ކަނޑައަޅާފައިވާ 816 މިލިއަން އެމެރިކާ ޑޮލަރަކީ ގެއްލުމުން އަރައިގަތުމަށް ފުދޭވަރުގެ މިންވަރެއް ނޫން ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަޑަނޮމް ގެބްރެއިސަސް މި ބައްދަލުވުމުގައި ވިދާޅުވީ ޕާކިސްތާނު އޮތީ އާންމު ސިއްހަތުގެ ނުރައްކަލެއްގެ މަގުމަތީގައި ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑެތި ސަރަހައްދުތައް އަޑިއަށް ގޮސް ގާތްގަނޑަކަށް 1700 މީހުން ވަނީ މަރުވެފައެވެ. ގެދޮރު ގެއްލިފައިވާ ލައްކައެއްހާ މީހުން ދަނީ ފަޅުތެރޭގައި ދިރިއުޅެމުންނެވެ.

ފެންބޮޑުވުމުގެ ހާދިސާ ކުރިމަތިވުމުގެ ކުރީންވެސް ޕާކިސްތާނުގެ ދަރަނި ބޮޑުވެ ގައުމު ބަނގުރޫޓް ވެދާނެ ކަމުގެ ބިރު މިއަހަރު ކުރީކޮޅުވެސް އެގައުމަށް ކުރިމަތިވިއެވެ. މީގެ އިތުރުން މިކާރިޘާއަށް ފަހު ގައުމުގެ އިންފްލޭޝަން މަތިވެ ބަޖެޓް ޑެފިސިޓް ވެސް ދަނީ ބޮޑުވަމުންނެވެ.

ޕާކިސްތާނުގެ އިޤްތިޞާދު ހިފެހެއްޓުމަށް 2 ބިލިއަން ޑޮލަރުގެ އެހީތެރިކަން ދޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.