އިރުމަތީ ޔޫރަޕާއި މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ އިޤްތިޞާދީ ދުވެލި ކުރިއަރާލެއް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ. އަދި ރަޝިޔާއިން ޔޫރަޕިއަން ޔޫނިއަންއަށް ހަކަތަ ފޯރިކޮށްދިނުން ހުއްޓާލުމުން އަންނަ އަހަރު އެގައުމުތައްވެސް ރިސެޝަނަކަށް ހިނގައިދާނެކަމުގެ އިންޒާރު ވޯލްޑް ބޭންކުންވަނީ ދީފައެވެ.
އެންމެ ފަހުގެ އިގްތިސާދީ ލަފާކުރުންތަކަށް ބަލާއިރު ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔޫރަޕާއި މެދުތެރޭ އޭޝިއާ ސަރަހައްދުގެ ޖުމްލަ ޖީޑީޕީ މިއަހަރު %0.2 އަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އިތުރުވާނީ އެންމެ %0.3 އަށެވެ. ވޯލްޑް ބޭންކުން މިހާރު ލަފާކޮށްފައިވާ ގޮތުން ޔޫކްރެއިން، ޕޮލެންޑް، ރަޝިޔާ، ތުރުކީ އަދި ވަށައިގެންވާ ގައުމުތައް ހިމެނޭ ސަރަހައްދުގެ ޖީޑީޕީ ކުރިން ލަފާކުރި ވަރަށްވުރެ ރަނގަޅުވާނެއެވެ.
ޔުކްރެއިންގެ އިޤްތިޞާދީ ދުވެލި މިއަހަރު %35 ށް ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މިއަހަރުގެ ކުރީކޮޅު ޔުކްރެއިންގެ އިޤްތިޞާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައިވާ %45އަށް ވުރެ ރަނގަޅު މިންވަރެކެވެ. ޔުކްރެއިންގެ އިޤްތިޞާދީ ދުވެލި ދަށްވެފައި ވަނީ އުފެއްދުންތެރިކަމުގެ ގާބިލުކަން ގެއްލި، ދަނޑުވެރިކަމުގެ ބިންތަކަށް ގެއްލުން ލިބި، އަދި ޔުކްރެއިނުން ގެދޮރު ދޫކޮށް 14 މިލިއަން މީހުން ދިއުމުން ލޭބަރ ސަޕްލައި ދަށްވެފައިވާތީއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު، ޔޫކްރޭނަށް ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ބޭނުންވާ ކަމަށާއި އަދި އަވަހަށް ފަށައިގަނެވޭނެ އާރާސްތުކުރާ މަޝްރޫއުތަކަށް ވެސް ބޭނުންވެފައިވާ ކަމަށް ޔޫރަޕާއި މެދުތެރޭ އޭޝިއާގެ ވޯލްޑް ބޭންކުގެ ނައިބު ރައީސް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން ދާދިފަހުން ކުރި އަންދާޒާތަކަށް ބަލާއިރު، އިޖުތިމާއީ، އުފެއްދުންތެރި، އަދި އިންފްރާސްޓްރަކްޗާ ދާއިރާތަކުން ޔޫކްރޭނު އާރާސްތުކުރުމަށް ބޭނުންވާ މިންވަރު މަދުވެގެން 349 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ 2021 ވަނަ އަހަރު އެގައުމުގެ ޖީޑީޕީގެ 1.5 ގުނައަށް ވުރެ އިތުރު އަދަދެކެވެ.
ޔުކްރެއިންގެ އިތުރުން ރަޝިޔާގެ އިޤްތިޞާދީ ދުވެލި މިއަހަރު %4.5 އަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ކުރިން ލަފާކޮށްފައިވީ ނަމަވެސް، ޖޫން މަހު ލަފާކޮށްފައިވަނީ %8.9 އަށް ދަށްވާނެ ކަމަށެވެ.
ތުރުކީގެ އިޤްތިޞާދީ ދުވެލި %2.3އަށް ހަލުއި ވާނެ ކަމަށް ޖޫން މަހު ލަފާކޮށްފައީވީ ނަމަވެސް މިއަހަރު އިޤްތިޞާދީ ދުވެލި ހަލުއި ވާނީ %4.7 އަށް ކަމަށްވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ތުރުކީގެ އިޤްތިޞާދީ ދުވެލި %2.7 ށް ހަލުއި ވާނެ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. އީޔޫއަށް ހަކަތަ ފޯރުކޮށްދިނުން ރަޝިއާއިން ހުއްޓާލުމުން ޔޫރަޕާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ރިސެޝަން އައުން އެކަށީގެންވާ ކަމަށްވެސް ވޯލްޑް ބޭންކުން ލަފާކުރެއެވެ.
އެކަމުގެ އަސަރު ރަޝިޔާގެ ގުދުރަތީ ގޭހަށް މާ ބޮޑަށް ބަރޯސާވާ ގައުމުތަކަށް ބޮޑުވާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.