ޓްވިޓަރއިން ކޯޓަށް ދިއުމުން ޓްވިޓަރ ނުގަންނާނެކަމަށް ބުނުމަށްފަހު، ޓްވިޓަރ ގަންނާނެކަމަށް ބިލިއަނަރު އީލޮން މަސްކު އަނެއްކާވެސް ބުނެފިއެވެ.
އެމެރިކާގެ ކޮމިޔުނިކޭޝަން ކުންފުނި، ޓްވިޓާ ގަންނަން ހެދި އެއްބަސްވުމާއި ޓްވިޓާއިން ޚިލާފްވެފައިވާ ކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން މަސްކް ނިންމީ މިދިޔަ ޖުލައި މަހުއެވެ. ނަމަވެސް ޓްވިޓަރއިން ވަނީ މިވާހަކަ ދޮގޮކޮށް އޭނާ އެއްބަސްވުން އުވާލަން ނިންމީ އަގު ބޮޑުވުމުންކަމަށް ބުނެފައެވެ.
އެއްބަސްވުން އުވާލަން އޭނާ ނިންމުމާއެކު ޓްވިޓަރއިން ވަނީ އެ އެއްބަސްވުމާ އެއްގޮތަށް ކުންފުނި ގަންނަން ޖެހޭނެކަމަށް ބުނެ ކޯޓަށް ދާން ނިންމާފައެވެ. އަދި މި މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާއިރު އަނެއްކާވެސް ޓްވިޓަރ ގަންނާނެކަމަށް މަސްކު ބުނެފައި މިވަނީ ކޯޓު އަޑުއެހުންތައް ފަށަން ކައިރިވެފައި ވަނިކޮށް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ކުންފުނި ގަތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރިއަށްދާނެކަން މަސްކުގެ ލީގަލް ޓީމުން ޓްވިޓަރއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ. އަދި ކޯޓުގައި ކުރިއަށްދާ މައްސަލަ ނިންމާލުމަށްވެސް ވަނީ ބުނެފައެވެ. ލީގަލް ޓީމުން މިހެން ބުނެފައިވަނީ ޓްވިޓަރގެ ޓީމުން މަސްކާއި ދެކޮޅަށް ވަރުގަދަ ކޭސްއެއް ތައްޔާރުކޮށްފައި އޮތުމުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ލީގަލް ޓީމުން ސިޓީއެއް ފޮނުވާފައިވާކަން ޓްވިޓަރއިން ވަނީ ކަށަވަރުވެސްކޮށްދީފައެވެ. އެގޮތުން، ކުންފުނިން އަދިވެސް ބޭނުންވަނީ އެއްބަސްވެފައިވާ ގޮތަށް ހިއްސާއަކަށް 54.20 ޑޮލަރު ޖެހޭ ގޮތަށް ކުންފުނި ވިއްކާލަންކަމަށް ޓްވިޓަރއިން ވަނީ ބުނެފައެވެ. މިއީ މަސްކު އެންމެ ފުރަތަމަ ޓްވިޓަރ ގަތުމަށް ހުށަހެޅި އަގެވެ.
މަސްކު ގޮވައިގެން ޓްވިޓަރއިން ކޯޓަށް ދިއުމުން އެ ކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ 20 އިންސައްތަ އުފުލިފައެވެ. މަވެސް މަސްކު ޓްވިޓަރ ގަންނަން ހުށަހެޅި އަގާ އެއްވަރަށް އަދިވެސް އެ ކުންފުނީގެ ހިއްސާގެ އަގެއް ނާރައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ބުނީ ޓްވިޓާ ގަންނަން ހެދި އެއްބަސްވުން ކުރިއަށް ނުގެންދަން ނިންމީ ސްޕޭމް އެކައުންޓްތަކާއި ފޭކް އެކައުންޓްތަކުގެ ސައްޚަ އަދަދު ދޭން ޓްވިޓާއިން ދެކޮޅު ހެދުމުންނެވެ.
ޓްވިޓާގެ ސްޕޭމް އަދި ބޮޓް އެކައުންޓްތަކުގެ އަދަދު %5 އިންސައްތައަށް ވުރެ ދަށްވާނެކަމަށް ޓްވިޓާއިން ބުނާ ބުނުމުގެ ހެކި ދެއްކުމަށް މަސްކު ވަނީ މީގެކުރިން އެދިފައެވެ. އެއްބަސްވުމުގައިވާ ގޮތުން ނަމަ އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތެއްގައި މަސްކް އެއް ބިލިއަން ޑޮލަރުގެ ފީއެއް ބަދަލުގައި ދޭން ޖެހޭނެއެވެ.
މަސްކުގެ ލޯޔަރު އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަސްކް ބޭނުންވާ މައުލޫމާތު ދިނުމުގައި ޓްވިޓާ ފެއިލްވެފައިވާ ކަމަށެވެ. އަދިި މަސްކުގެ ބައެއް ހުށަހެޅުންތަކަށް ޓްވިޓާއިން އިޖާބަ ނުދޭ ކަމަށާއި ބައެއް ފަހަރު ހުށަހެޅުންތަކަށް ދެކޮޅު ހަދައި ފުރިހަމަނުވާ މަޢުލޫމާތާއި ބޭނުން ނުހިފޭ މައުލޫމާތުވެސް ޓްވިޓާއިން ދީފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ.
ޓްވިޓާއަށް އިންވެސްޓުކުރުމަށް މަސްކު ވަނީ 44 ބިލިއަން އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ. މަސްކު ޓްވިޓަރ ގަތުމަށް 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދަން ނިންމީ އެ ޕްލެޓްފޯމުގައި ހުރި ސްޕޭމް ނުވަތަ ފޭކު އެކައުންޓުތައް ނައްތާލައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދޭން ކަމަށް ބުނެއެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި މިއަހަރުގެ ކުރީކޮޅު މަސްކަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް މަސައްކަތް ކުރަމުން ދިޔަ އެޕޯލޯ ގްލޯބަލް މެނޭޖްމަންޓް އިންކްއިން ޓްވިޓަރ އެއްބަސްވުމާއި ބެހޭގޮތުން މިހާރު މަސްކާއި މަޝްވަރާކުރުން ހުއްޓާލައި އެކަމަށް ހޭދަނުކުރަން ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން މަސްކްވެސް އަދި ޓްވިޓަރ އިންވެސް ވާހަކައެއް ނުދައްކައެވެ.