ޚަބަރު

ނައިބް ރައީސް ރ.އަތޮޅުގައި: އެންމެބޮޑު އިސްކަމެއް ޞިއްޚީ ދާއިރާއަށާއި، އިޖުތިމާއި މައްސަލަތަކަށް!


ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ރ.އަތޮޅަށް ކުރައްވަމުންދާ ދަތުފުޅުގައި ރ.އަތޮޅުގެ 6 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިހާތަނަށް އެމަނިކުފާނު ވަނީ 3 ރަށަކަށް ވަޑައިގެންފައެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ރ.އަތޮޅުގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދުގެ މެންދުރުގެ ކުރީގައި ވަނީ 3 ރަށަކަށް ވަޑައިގެންފައެވެ. މެންދުރު ކުރީގައި އެމަނިކުފާނު ވަޑައިގެންނެވީ ރ.އިނގުރައިދުއަށާއި، އިންނަމާދުއަށާއި އެއަތޮޅުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ވަންދުއަށެވެ.

އިނގުރައިދުއަށާއި، އިންނަމާދުއަށް ވަޑައިގަތުމުން އެދެރަށުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އިންނަމާދުއާއި، އިނގުރައިދުއަށް ވަޑައިގެން ނައިބު ރައީސް އެންމެބޮޑު އިސްކަމެއް ދެއްވީ ދެ ރަށުގެވެސް ޞިއްޙީ ދާއިރާގެ ކަންކަން އޮޅުންފިލުއްވުމަށާއި ސިއްޙީ މަރުކަޒުގެ ޙާލަތު އަމިއްލަފުޅަށް ބެއްލެވުމަށެވެ. މިޒިޔާރަތުގައި އެމަނިކުފާނު ވަނީ ދެރަށުގެވެސް ޞިއްޙީ މަރުކަޒުގައި ހުރި މައްސަލަތައް އޮޅުންފިލުއްވައި، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުގެ ތެރެއިން ނައިބު ރައީސްގެ މިދަތުރުފުޅުގައިވެސް ކޮންމެ ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައެވެ. މި މަޝްވަރާތަކުގައި މިވަގުތަށް ކޮންމެހެން މުހިންމު ކަންކަން އޮޅުންފިލުއްވައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހައްލުކޮށްދެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މިބައްދަލުވުންތަކުގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ޙާލަތު ގާތުން ބައްލަވައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް އެރަށެއްގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވަން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އަދި މިއަދުގެ ދަތުރުން ފާހަގަވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރުވެސް ބަޖެޓްކުރެވި ހިނގަމުންދާ މަސައްކަތަކެއް ކަމަށާއި، އިތުރަށް ނުކުރެވި ހުރި ކަންކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނެކަމަށްވެސް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށްރަށުގެ އާންމު ޙާލަތު އޮޅުންފިލުއްވައި، އެކި އިދާރަތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާތަކުގެ ވެރިންނާވެސް ބައްލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ވަންދޫއަށް ވަޑައިގެން އެރަށުގައި ކުނިމެނޭޖުކުރާ ނިޒާމުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާ ލައްވާފައެވެ. އަދި މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ވަންދޫގައި ކުނި މެނޭޖްކުރުމަށް ވެމްކޯއިން ޤާއިމްކޮށްފައިވާ ސައިޓަކީ ރ.އަތޮޅުގެ ގިނަ ރަށްތަކެއްގައި އުފެދޭ ފަސޭހައިން ނައްތާނުލެވޭ ޒާތުގެ ކުނިތައް ޖަމާކޮށް، ކުނި މެނޭޖް ކުރުމަށް ޤާއިމްކޮށްފައިވާ ސައިޓެކެވެ. މިތަނުގައި އެކި ބާވަތްތަކުގެ ކުނިތައް ނައްތާލައި މެޝިންތަކާއި، ކުނި މެނޭޖް ކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްފައިވެއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި މިއަދު މެންދުރުފަހުވެސް 2 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ރ.ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރ. ޓޫރިޒަމް އެކްސްޕޯ 2022" އެވޯޑް ދިނުމުގެ ހަފްލާ ނައިބު ރައީސް ޝަރަފްވެރި ކޮށްދެއްވާނެއެވެ.