ޚަބަރު

ފަތުރުވެރިކަން ފުޅާކުރަން ރާއްޖެއަށް ލިބިފައިވާ ރަންވަނަ ދަމަހައްޓަންޖެހޭ: މައުސޫމް


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ކުލަގަަދަކޮށް ފާހަގަ ކުރަމުންދާއިރު، ރާއްޖެއަކީ މިއަދު މުޅި ދުނިޔެއިން މިސާލުޖަހާ، އެންމެންގެ މަންޒިލްކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ރ. ޓުވަރިޒަމް އެކްސްޕޯ 2022 އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަތުވެރިކަމާއި ބެހޭ ވަޒީރު، ޑރ.މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ރަން އަހަރު ރާއްޖެއިން ފާހަގަ ކުރާއިރު، ލިބޭ އެންމެ ބޮޑު އުފަލަކީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި އޮތުންކަމަށެވެ. ރާއްޖޭގެ ރަންވަނަ ހިފެހެއްޓުމަކީ މިއަދު ފަތުުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގައި ހޯދަމުންދާ ކާމިޔާބީތަކާއިއެކު ރާއްޖެއިން ދައްކަމުންދާ ނަމޫނާއަކީ މުޅި ދުނިޔެއިން މިސާލު ނަގާ ކަންތައްތަކެއްކަމަށް މައުސޫމް ވިދާޅުވިއެވެ. އެގޮތުން ކޯވިޑްގައި މުޅި ދުނިޔެ ބަންދުވެފައި އޮތްއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ބޯޑަރު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިކަން ގެނެސް، ރައްކާތެރިކަމާއިއެކު ޓުވަރިޒަމްގެ ސިނާއަތް ކުރިއަށް ގެންދެވޭނެކަން މުޅި ދުނިޔެއަށް ހާމަކޮށް ދެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްްޓަރގެ ވާހަކަފުޅުގައި ރ.އަތޮޅުގައި ފަތުފުވެރިކަމުގެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމަކީ ލިބޭ ބޮޑު އުފަލެއްކަން ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާއިރު އެއް އަތޮޅެއްގައި ފަތުވެރިކަމުގެ ރަން އަހަރު އެންމެ ކުލަގަދަކޮށް ފާހަގަކުރި އަތޮޅަކީވެސް ރ.އަތޮޅުކަން މިނިސްޓަރ މައުސޫމް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް މުޅި އަތޮޅުގައި ވަނީ ލާމަސީލު މަސައްކަތްތަކެއް ކުރައްވާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޚިދުމަތްތެރިންނަކީ އަބަދުވެސް އަގުވަން ކުރަންޖެހޭ ޤައުމީ ޚިދުމަތްތެރިންކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ޚިދުމަތްތެރީންނަކީ ދެވޭ އެވޯޑަކުން އަގުވަޒަން ކުރެވޭ ވަރަށްވުރެ މާބޮޑު ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުންތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.