ދުނިޔޭގެ ވިޔަފާރި

އޯޕެކް ޕްލަސްއިން އުފައްދާ ތެލުގެ މިންވަރު މަދުކުރަމީ އިގްތިސާދަށް އޮތް ގެއްލުމެއް: އެމެރިކާ


އޯޕެކް ޕްލަސްއިން އުފައްދާ ތެލުގެ މިންވަރު މަދުކުރުމަކީ ދުނިޔޭގެ އިޤްތިސާދަށް އޮތް ގެއްލުމެއްކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.

ޔެލެން ވިދާޅުވިގޮތުގައި ތެޔޮ އުފެއްދުން މަދުކުރުމަށް އޯޕެކް ޕްލަސްއިން އެޅި ފިޔަވަޅަކީ ދުނިޔޭގެ އިގްތިސާދަށް "އެހީތެރި ނޫން އަދި ބުއްދިވެރި ނޫން" ފިޔަވަޅެއްކަމަށާ ޚާއްސަކޮށް މިހާރުވެސް ހަކަތަގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި މިއީ ރަގަޅަށް އެޅި ފިޔަވަޅެއް ނޫން ކަމަށް ޔެލެން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ތެލުގެ އަގު ދަށްކޮށް ބެހެއްޓުމަށް އެމެރިކާއިން ބާރު އެޅި ނަމަވެސް އޯޕެކްޕްލަސް އިން ތެޔޮ މަދުކުރަން ނިންމުމުން ބައިޑަންގެ ސަރުކާރުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަޅުގަނޑަށް ހީވަނީ އޯޕެކްގެ ނިންމުމަކީ އެހީތެރިކަމެއް ނޫން އަދި ބުއްދިވެރި ނޫން ނިންމުމެއްހެން — އެއީ ނިމުމުގައި ކުރާނެ އަސަރެއް ޔަގީނެއް ނޫން، އެކަމަކު ހަމަ ޔަގީނުންވެސް، އެއީ، އެކަށީގެންވާ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ" ޔެލެން ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ ތަރައްގީވަމުން އަންނަ ގައުމުތަކާއި އެ ގައުމުތަކަށް ދިމާވާ މައްސަލަތަކާ މެދު." ޔެލެން އިތުރަށް ވިދާޅުވިއެވެ.

އޯޕެކް ޕްލަސް އިން މިދިޔަ ބުދަ ދުވަހު އެއްބަސްވި ގަރާރުގައި އޮތް ގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ އަދަދުން ދެ މިލިއަން ފީފާ މަދުކުރާނެއެވެ.

އޯޕެކުން މި ނިންމުން ނިންމާފައި ވަނީ ގޭހުގެ އަގު އުފުލެމުންދާތީ ތެޔޮ އުފައްދާ މިންވަރު މަދުނުކުރަން ވައިޓް ހައުސް އިން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލުން ވަނީ ކޮންގްރެސްއާ އެކު މަޝްވަރާތައް ފަށާނެ ކަމަށް ބުނެފަ އެވެ.

ތެލުގެ އަގު ދަށް ކުރުމަށް މަސައްކަތް ކުރުމަށް ލިބެން ހުރި ހުރިހާ ގޮތްތަކެއް ހޯދުމަށް ރައީސް ބައިޑަން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފޯކަސް ކުރައްވަމުން ގެންދަވާފައިވާ ކަމަށްވެސް ޔެލެން އިތުރަށް ވިދާޅުވިއެވެ.

އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތައް އަންނަ ހަފްތާގައި ވޮޝިންޓަންގައި ބާއްވާނެއެވެ.

އެމެރިކާއިން މި މޭރުމުން ވާހަކަތައް ދައްކާފައިވާއިރު، އޯޕެކް ޕްލަސް ގެ ނިންމުމަށް ސައޫދީ އަރަބިއްޔާއިން ތާއީދުކޮށް ދުނިޔެގޭ ބާޒާރަށް ތެޔޮ ނެރޭ އަދަދު ދަށްކުރަން އެއްބާލުން ދިނުމުގައި އެމެރިކާއަށް ގެއްލުން ދިނުމުގެ ނިޔަތެއް ނެތް ކަމަށް ސައޫދީން ވަނީ ބުނެފައެވެ.
ސައޫދީ އަރަބިއްޔާގެ ވިސްނުމަކީ އެމެރިކާއަށް ގޮންޖަހައި ދަތިކުރުން ކަމަށް ހަބަރުތަކުގައި ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ އެއީ ބަޔަކު ދޭތެރެޖައްސަން ދައްކާ ވާހަކައެއް ކަމަށެވެ.