މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބަސް ހުއްޓިތައް ހިޔާ ކުރެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
ބަސްތައް ގެނެސް އެންމެ ފުރަތަމަ ބަހުގެ ޚިދުމަތް ދޭން ފެށީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަދި ލަމު އަތޮޅުގެ ރަށްތަކުގައެވެ. އަދި މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިނީ ބަހުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ބަސްހުއްޓިތައް ހިޔާކޮށްފައެއް ނެތެވެ. މިއާއެކު ބަހައް އިންތިޒާރު ކުރާ މީހުން ތިބެންޖެހެނީ އަވީގައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެމްޓީސީސީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
Raajjeyge hurihaa Rashehga huri hurihaa #RTL ge bus stop thah mi aharu nimumuge kurin hiyaa kureveyne. @MTCCPlc #Male’ #AdduCity #FuahmulahCity #LaamuAtoll #RaajjeTransportLink @governmentmv pic.twitter.com/plroTrAICv
— Adam Azim (@adamazim) October 11, 2022
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލްގެ ބަސް ހުއްޓިތައް ހުރި ހުރިހާ ރަށެއްގައިވެސް ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ފަށައިގެން ބަސް ސްޓޮޕްތައް ގާއިމްކޮށްފައިވާއިރު، ގިނަ ސަރަހައްދުތަކުގައި ބަސް ސްޓޮޕް ހުރީ ވަރަށް ތާށި ސަރަހައްދުތަކުގައިކަމަށެވެ. އަދި މާލޭގެ މަގުތަކަކީ ތޮށްޖެހުން ބޮޑު ތާށި މަގުތަކެއްކަމަށާއި އޭގެ ކޮންމެ ތަނެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ މޮޅު ބަސް ސްޓޮޕެއް ހެދުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަން ކުރަން އެކަށީގެންވާ ޖާގަ ނުލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މިހާރު 41 ބަސް ސްޓޮޕް ހުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކޮންމެ ބަސް ސްޓޮޕެއްގައި ވެސް އެތަނެއްގައި ޖާގަ އޮތް ވަރަކުން ހެދޭނެ ވަރުގެ ބަސް ސްޓޮޕެއް ހަދާނެ ކަމަށެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، 8 ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.