ދުނިޔޭގެ ތެލަށް އޮންނަ ޑިމާންޑް މިއަހަރުވެސް އަދި އަންނަ އަހަރުވެސް ދަށްވާނެކަމަށް އޯޕެކްއިން އަނެއްކާވެސް ލަފާކޮށްފިއެވެ. މިއީ އޯޕެކްއިން ޑިމާންޑް ދަށްވާނެ ކަމަށް މިއަހަރު އެޕްރީލްގެ ފަހުން ލަފާ ކުރި 4 ވަނަ ފަހަރެވެ.
އޯޕެކްއިން މަހަކު އެއްފަހަރު ތެލަށް އޮންނަ ޑީމާންޑާއި ގުޅޭގޮތުން ނެރޭ ރިޕޯޓުގައި މިއަހަރު ތެލަށް އޮތް ޑިމާންޑު އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ 2.7 އިންސައްތައެވެ. މިއީ ދުވާލެއްގެ މައްޗަށް 2.67 މިލިއަން ފީފާ ތެލެވެ. މިއީ މީގެކުރިން ލަފާ ކުރި އަދަދާއި އަޅާ ބަލާއިރު، 460000 ފީފާ ދަށް އަދަދެކެވެ.
އޯޕެކްގެ ރިޕޯޓުގައި ޑިމާންޑް ދަށްވާނެ ކަމަށް ލަފާކުރި ސަބަބުތަކުގެ ތެރޭގައި، ޗައިނާގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރުމާއި، ދުނިޔޭގެ އިޤްތިޞާދީ ދުވެލި ދަށްވުމުގެ އިތުރުން، ޤައުމުތަކުގައި އިންފްލޭޝަން މަތިވެގެން ދިއުން ހިމެނެއެވެ.
އޯޕެކްއިން ތެލަށް އޮންނަ ޑިމާންޑު ދަށްވާނެ ކަމަށް ލަފާ ކުރިނަމަވެސް، ތެލަށް އޮތް ޑިމާންޑު މިއަހަރު ނިމޭއިރު ހިފެހެއްޓޭނެ ކަމަށް ޤަބޫލު ކުރެއެވެ. އަދި މިއީ އިންޓަނޭޝަނަލް އެނާޖީ އޭޖެންސީގެ ލަފާ ކުރުންތަކަށް ވުރެ މަތީ އަދަދުތަކެކެވެ.
އޯޕެކްއާއި އެކުވެރި ޤަައުމުތަކުން ވަނީ މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރޭ ތެލުގެ މިންވަރުވެސް ދަށްކޮށްފައެވެ. މިއީ ޑިމާންޑު ދަށްވުމާއިއެކު އޯޕެކްއިން މާކެޓް ހިފެހެއްޓުމަށް ނިންމި ނިންމުމެއްކަމަށް ބެލެވެއެވެ. ނަމަވެސް މިމައްސަލާގައި އެމެރިކާއިން އޯޕެކްއަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔާފައެވެ. އަދި މިއީ ސިޔާސީ ނިންމުމެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެއެވެ. ނަމަވެސް އެމެރިކާގެ އެނާޖީ ޑިޕާޓްމެންޓުންވެސް ވަނީ ތެލަށް އޮތް ޑިމާންޑު ދަށްވާނެކަމަށް ލަފާކޮށްފައެވެ.
އަންނަ އަހަރަށް އޯޕެކްއިން ލަފާކުރާ ގޮތުގައި، ތެލުގެ ޑިމާންޑު 2.34 މިލިއަން ފީފާއިން އިތުރުވާނެއެވެ. މިއީ ކުރިން ލަފާކުރިވަރާ ބަލާއިރު 360000 ފީފާ މަދު އަދަދެކެވެ. މިއަދަދުތަކާއިއެކުވެސް އޯޕެކްއިން 2019ގައި އޮތް ޑިމާންޑަށް ވުރެ އިތުރު ޑިމާންޑެއް 2023 ވަނަ އަހަރު އޮންނާނެ ކަމަށް އުއްމީދު ކުރެއެވެ.
އޯޕެކްއިން ތެލަށް އޮންނަ ޑިމާންޑު ދަށްވާނެ ކަމަށް ލަފާ ކުރާއިރު، އޯޕެކްގެ އިސް މެންބަރެއް ކަމަށްވާ ސައުދީން ވަނީ ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ނިންމި ނިންމުން ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން، އެއީ މުޅިން އިޤްތިޞާދީ ނިންމުމެއް ކަމަށާއި، މިފަދަ ނިންމުންތަކަށް އެމެރިކާފަދަ ޤައުމުތަކުން އިތުބާރު ކުރަން ޖެހޭކަމަށް ވަނީ ބުނެފައެވެ.