އާޖެންޓީނާގެ ސެޕްޓެމްބަރުމަހުގެ އިންފްލޭޝަން ލަފާކުރިވަރަށް ވުރެ ދަށްވެއްޖެއެވެ.
ސެޕްޓެމްބަރުމަހުގެ އިންފްލޭޝަން ދަށްވުމަކީ ހީނަރުވެފައިވާ އާޖެންޓީނާގެ އިގްތިސާދަށް މި ފަހުން މަދުން ނޫނީ ނުފެންނަ ލުޔެކެވެ. އަދި މިއީ މަރުކަޒީ ބޭންކުގެ އިންޓަރެސްޓް ރޭޓު މަތިކުރުންވެސް މިވަގުތަށް މަޑުޖައްސާލެވޭނެ ދަނޑިވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަރުކާރުގެ އިންޑެކްސް ސްޓެޓިސްޓިކްސް އެޖެންސީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހު އާޖެންޓީނާގެ އިންފްލޭޝަން ވަނީ 6.2 އިންސައްތައަށް ދަށްވެފައެވެ. މިއީ އޮގަސްޓު މަހަށްވުރެ ދަށް އަދަދެކެވެ. އަދި ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ %6.7 އަށް ވުރެވެސް ދަށް އަދަދެކެވެ.
ރޮއިޓާސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންފްލޭޝަން ދަށަށް ދާނެ ކަމުގެ ފެހ ސިގްނަލް މި ވަގުތަށް ލިބިފައިވާތީ، މަރުކަޒީ ބޭންކުގެ ވިސްނުން ހުރީ އާ އިންޓަރެސްޓް ރޭޓެއް ކަނޑައެޅުމަށެވެ. މިއާއިއެކު ވޭތުވެދިޔަ ދުވަސްތަކުގައި ބޭންކުން ކަނޑައަޅާފައިވާ މަތީ އިންޓަރެސްޓް ރޭޓްތަކަށް ނިމުން އަންނާނެކަމަށް ބެލޭވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއަހަރުގެ މިހާތަނަށް އާޖެންޓީނާގެ އިންފްލޭޝަން ރޭޓު ވަނީ %38 އިން %75 އަށް މަތިކޮށްފައެވެ.
އާޖެންޓީނާގެ އިންފްލޭޝަން ސެޕްޓެމްބަރުމަހު ދަށްވި ނަމަވެސް ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ ދެކުނު އެމެރިކާގެ މި ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން އަހަރު ނިމޭއިރު އަހަރީ އިންފްލޭޝަން 100 އިންސައްތައަށް ވުރެ މަތިވާނެކަމަށް ލަފާކުރެއެވެ. އާޖެންޓީނާގެ ރަސްމީ ފައިސާ ކަމަށްވާ ޕެސޯގެ އަގު ވެއްޓުމަކީވެސް އިންފްލޭޝަން މައްޗަށް ދާން މެދުވެރިވި ސަބަބެކެވެ.
ތަކެތީގެ އަގު އުފުލުން ކޮންޓްރޯލު ކުރުމަށް އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެންނާންޑެޒްގެ ސަރުކާރުން ކުރާ ބުރަ މަސައްކަތްތަކުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 12 މަސް ދުވަހުގެ ތެރޭގައި އެ ގައުމުގެ އިންފްލޭޝަން މަތިވެފައި ވަނީ %83 އަށެވެ. މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ތަކެތީގެ އަގުތައް ވަނީ %66.1 އަށް މައްޗަށް ގޮސްފައެވެ.
ކޮންސަލްޓެންސީ ލިބަރޓަޑް ވައި ޕްރޮގްރެސޯގެ އެގްޒެކެޓިވް ޑިރެކްޓަރު އަލްޑޯ އަބްރަމް ރޮއިޓާސް ނިއުސްއަށް ވިދާޅުވި ގޮތުގައި އަންނަ އަހަރާ ހަމައަށް ވެސް އިންފްލޭޝަން ދާނީ މަތިވަމުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކުރިން އިންފްލޭޝަނަށް ލުޔެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު %110 ށް ނުވަތަ އެއަށްވުރެ މައްޗަށް އިންފްލޭޝަން ދިއުމަށްފަހު ތަންކޮޅެއް ދަށަށް ދިއުމުގެ ފުރުސަތު ބޮޑު" ކަމަށްވެސް އަބްރަމް އިތުރަށް ވިދާޅުވިއެވެ.
ލިބޭ މުސާރައަށްވުރެ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ތަކެތި ގަތުމަށް އުނދަގޫތަކެއް ކުރިމަތިވާކަމަށް އާޖެންޓީނާގެ ރައްޔިތުން ބުނެއެވެ. އަދި މި ކަމުގެ ސަބަބުން އެ ގައުމުގެ ބައެއް މީހުން އަންނަނީ ވަރަށް ދަތި ދުވަސްތަކެއް ހޭދަ ކުރަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.