400 މިލިއަން އެމެރިކާ ޑޮލަރުގެ އިންސާނީ އެހީތެރިކަން ޔުކްރެއިނަށް ފޯރުކޮށްދޭނެކަމަށް ސައޫދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިއުލާނު ކުރައްވައިފިއެވެ.
ވަލީއަހުދު މިކަން އިއުލާނު ކުރެއްވީ ޔުކްރެއިންގެ ރައީސް ވޮލޮދްމީރު ޒެލެންސްކީ އާއި ފޯނުން ބައްދަލުކުރެއްވުމަށްފަހުއެވެ.
ޔުކްރެއިނަށް ސައޫދީން މި ފޯރުކޮށްދޭ އިންސާނީ އެހީގެ ސަބަބުން ރަޝިއާ ޔުކްރެއިން ހަނގުރާމައިގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ޔުކްރެއިންގެ ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
ފޯނުން ބޭއްވި ބައްދަލުވުމުގައި ސައޫދީގެ ބޮޑު ވަޒީރުކަމަށް މުހައްމަދު މިދިޔަ މަހު އައްޔަނު ކުރެއްވުމާއި ގުޅިގެން އެ މަނިކުފާނަށް ޒެލެންސްކީ ވަނީ މަރުހަބާ ދަންނަވާފައެވެ.
ރަޝިއާއިން ޔުކްރެއިނަށް އަރައިގަތުން ކުށްވެރިކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ސައޫދީން ޔުކްރޭނަށް ތާއީދުކުރި ކަމަށްޓަކައި ޒެލެންސްކީ ވަނީ ވަލީ އަހުދަށް ޝުކުރު ދަންނަވާފައެވެ. އަދި ރަޝިޔާގެ ސިފައިން ހިފަހައްޓައިގެން ތިބި ޔޫކްރެއިންގެ ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ދެ ލީޑަރުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި އެއްބަސްވެފައެވެ. މީގެއިތުރުން ޔުކްރެއިނަށް އެހީ ހޯދުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.
އެމެރިކާގެ ދެ މީހަކު ހިމެނޭ ގޮތަށް 10 ހަނގުރާމައިގެ އަސީރުން ކާމިޔާބުކަމާއެކުގައި މިނިވަންކުރުމުގެ މަސައްކަތުގައި މީގެކުރިން ސައުދީގެ ވަލީއަހުދު މައިގަނޑު ދައުރެއް އަދާކުރެއްވިއެވެ.
ރަޝިއާގައި ހައްޔަރުކޮށްފައި ތިބި ޔުކްރޭން މީހުން ދޫކޮށްލުމާއި ބެހޭގޮތުން ރައީސް ޕޫޓިންއާ މަޝްވަރާ ކުރައްވާނެ ކަމަށާއި ވަރަށް ބޮޑު ކަމެއް ގޮތުގައި އެކަމަށް އެދިވަޑައިގަންނަވާނެކަމަށްވެސް ވަލީ އަހުދު ވަނީ ވިދާޅުވެފައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ އުނދަގޫތަކުން ސަލާމަތްވެވެން އޮތީ ހަނގުރާމަ ހުއްޓުވައިގެންނެވެ.
ސައޫދީ އާއި ތުރުކީ ފެންނަނީ ހަނގުރާމަ ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ދެ ގައުމުގެ ގޮތުގައެވެ. އެގޮތުން ހަނގުރާމަ ހުއްޓުވެން އޮތް ހުރިހާ ގޮތެއް ބައްލަވާނެކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.