ޚަބަރު

އައްޑޫ ޑިޓެންޝަން ސެންޓަރުތަކުގައި ހުރި މައްސަލަތައް 241 ކޮމެޓީއަށް


އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފުލުހުންގެ ޑިޓެންޝަން ސެންޓަރުތަކުގެ ހާލަތު ބަލައި، ރަނގަޅު ކުރަން ހުރި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ބަލައިފިއެވެ.

އައްޑޫ ސިޓީގައި ފުލުހުންދޭ ޚިދުމަތްތަކާ ގުޅޭގޮތުންނާއި ދިވެހިރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ހިތަދޫ ޕޮލިސް އަދި އައްޑޫ ޕޮލިސް އެކެޑަމީން ވަނީ ބައްދަލު ކުރައްވާފައެވެ.

އައްޑޫ ސިޓީއަށް 241 ކޮމެޓީން ކުރި ޒިޔާރަތާއި ގުޅޭގޮތުން ކޮމެޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވީ މިދަތުރުގައި، އައްޑޫ ސިޓީގެ ޑިޓެންޝަން ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ހުރި މައްސަލަތައް ދެނެގަނެވިފައިވާކަމަށެވެ. އަދި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވީ ސެންޓަރުތަކުގައާއި، އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް މަދުވުންކަމަށެވެ. މިއާއިއެކު ޑިޓެންޝަން ސެންޓަރުތަކުގައި ތިބި މީހުންގެ އަދަދު ގިނަވުމާއި، ބައެއް ސެންޓަރުތަކުގައި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންވެސް ބަންދުގައި ތިބިކަން ފާހަގަވެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފާހަގަވި ކަންކަން 241 ކޮމެޓީން އެކުލަވާލާ ރިޕޯޓުގައި ހިމަނާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މިދަތުރުގައި 241 ކޮމެޓީގެ މެމްބަރުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންނާއި ބައްދަލު ކުރައްވައި އެސިޓީގައި ހުރި މައްސަލަތައް ދެނެގަނެ ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި މިދަތުރުގައި އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް ކޮމެޓީ ވަނީ ބަލާފައެވެ.