ޚަބަރު

އަންދާޒާކުރީ %37 އިންސައްތައިގެ ކުރިއެރުމަކަށް، ނަމަވެސް ރާއްޖޭގެ އިޤްތިޞާދު %41 ކުރިއެރި


ކޯވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުން ކުރިން އަންދާޒާ ކުރި މިންވަރަށްވުރެވެސް ރަނގަޅަށް ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިއަދު ރަނގަޅު މިސްރާބަކަށް ގެނެވިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަދާޒާ ކުރި މިންވަރަށްވުރެވެސް ރަނގަޅަށް ޕާފޯމް ކުރަމުން ދާކަމަށެވެ. މިއަހަރަށް އަހަރަށް ލަފާކުރި ބަޖެޓްގައި 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެކަމަށް އަންދާޒާކުރި ނަމަވެސް މިހާރުވެސް މިއަހަރުގެ މިހާތަނަށް 1.2 މިލިޔަން ޓުރިސްޓުން ރާއްޖެ އައިސްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުންތަކާއެކު އިޤްތިޞާދު ކުރިއަރާނެކަމަށް އަންދާޒާ ކުރީ 37 ޕަސެންޓަށް ކަމަށެވެ. ނަމަވެސް އެންމެފަހުން ފެންނަހުރި ތަފާސް ހިސާބުތަކުން މިދިޔަ އަހަރު ދައުލަތުގެ އިޤްތިޞާދު 41 އިންސައްތައަށް ކުރިއަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު 2021 ވަނަ އަހަރު އަހަރު ނިމުނުއިރު އަޅުގަނޑުމެންގެ އަދާޒާއަކަށްވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދިޔައީ ގާތްގަނޑަކަށް 37 ޕަސެންޓްކަމަށް. ނަމަވެސް މިހާރު ނެޝަނަލް ބިއުރޯ އޮފް ސްޓެޓްސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން އަންޒާއަކީ 41.6 ޕަސެންޓުން ރާއްޖޭގެ ގްރޯތު އައި. އެހެން ވީމަ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބާރަށް ކޯވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިޞާދުގެ ތެރޭގައި ރާއްޖެ ހިމެނިގެން އެބަދޭ. ރާއްޖޭގެ އިޤްތިޞާދު މިވަީ ވަރަށް ރަނގަޅު ފައްތަރެއްގައި" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށާއި، ދައުލަތުން ދައްކަން ހުރި ދަރަނިތައް ދެއްކުމުގައިވެސް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި މިހާތަނަށްވެސް ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކައި އަދި މިހާރުވެސް ދަރަނިތަކުގެ ނުދެއްކިހުރި ފައިސާވެސް އަދާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީއާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.