ޚަބަރު

އަމާޒަކީ އަންނަ ހަފްތާއަށް އަމީނީމަގުގެ ފުރަތަމަ ސެގްމަންޓް ނިންމާލުން : އާރްޑީސީ


މޫސުން ތަން ދޭނަމަ އަންނަ ހަފްތާގެ ނިޔަލަށް އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމާލުމަކީ އަމާޒެއްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީން ވިދާޅުވެއްޖެއެވެ. އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ސްޓޯމް ވޯޓަރ ސިސްޓަމްގެ މަސައްކަތެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ހޭންވާރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 100 މީޓަރުގެ ސަރަޙައްދެކެވެ.

މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ސްޓޯމް ވޯޓަރ ސިސްޓަމުގެ މަސައްކަތެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާރް.ޑީ.ސީގެ ރޯޑް އިމްޕްލިމެންޓޭޝަން މެނޭޖަރ އިބްރާހީމް ޤާސިމް ވިދާޅުވީ، މުޅި ސެގްމަންޓުގެ ސްޓޯމް ވޯޓަރ ސިސްޓަމުގެ ގާތްގަނޑަކަށް %90 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މޫސުން ތަންދޭނަމަ އަންނަ ހަފްތާގެ ތެރޭގައި ފުރަތަމަ ބައިގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިހާރު މި އޮތީ އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ފެން ހޮޅިއާއި ފާޚާނާ ހޮޅި އަޅާ ނިމިފައި. ދެން މިރޭ އިރާދަކުރެއްވިއްޔާ މޫސުން ރަނގަޅުކަމަށްވާނަމަ އަޅުގަނޑުމެން މި ބަލަނީ ކަނެކްޝަންތައް ގޭގެއަށް ފޯރުކޮށްދެވޭނެކަމަށް. އިތުރަށް ދެން މިތާ ވަޅުލަން އިންނާނީ ޑީވޯޓަރިން ހޮޅިއެއް. އެ ހޮޅިވެސް އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި އަޅާ ނިންމާނަން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ވިއްސަރައިގެ ސަބަބުން މި މަޝްރޫޢުގެ ސްޕީޑް އެންމެ ބޭނުންވާ މިންވަރަށް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެހެންނަމަވެސް އާރް.ޑީ.ސީގެ ޓީމުން އެއްވެސް ވަރުބަލިކަމެއް ނެތި ވަރަށް ޖޯޝުގައި މި މަސައްކަތް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވިއްސާރަވުމާގުޅިގެން ވަރަށް ގިނަ ދުވަސްތައް ގެއްލިގެން ހިނގައްޖެ. ޖުމްލަކޮށް 19 ވަރަކަށް ދުވަހު މި މަސައްކަތް މިކުރެވުނީ. ވިއްސާރަ ދުވަސްވަރެއްވީމަ ފެން ހިންދޭނެގޮތެއްނެތް މަގުމައްޗަށް. ވިއްސާރަވެހުނީމަ ޕަމްޕު ޖަހާއިގެން އަނެއްކާވެސް އެ ފެންގަނޑު ބޭރުކޮށްގެން މަސައްކަތް ކުރަން މިޖެހެނީ. އެހެންވީމަ އެމަސައްކަތަށްވެސް ވަރަށް ގިނަ ވަގުތުތަކެއް ހޭދަވެގެން އެބަދޭ ހަޤީޤަތުގައި" ޤާސިމް ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުމެއްގެގޮތުގައި އާރް.ޑީ.ސީން ފާހަގަކުރަނީ އަމީނީމަގަކީ، މަގުގެ އަޑި އޮތްގޮތުގެ ޙާލަތު އެނގޭނެ އެކަށީގެންވާ ކުރެހުންތަކެއް ހުރި މަގަކަށް ނުވުމެވެ. އެކަމުގެ ސަބަބުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.

އެގޮތުން އެމަގުގެ ފެން ފަށަލަ ތިލަވެފައި މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯކްތަކާއި ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާ މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް ކުރިމަތިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"މިހާރުވެސް މި އުޅެނީ ސްޓޯމް ވޯޓަރ ލައިނާއި ސުވަރޭޖް ލައިނެއް ފުށުއަރައިގެން. މި ދޭއްޗަކީވެސް ސްލޯޕް ދެ ލައިން. މި ދޭތި މިއުޅެނީ ހަމަ އެއް ލެވެލަކަށް އައިސްގެން. އެހެންވީމަ އެ މަސައްކަތުގައި ދަތިތަކެއް ތިމާވެގެން ރޭއްސުރެއް އެކަމުގައި މިއުޅެނީ. މިއަދު އެކަން ނިންމާލެވޭނެކަމަށް މި ބަލަނީ. ބިމުގެ އަޑި ކޮނުނުވަރަކަށް މި އެނގެނީ ގެންނަންޖެހޭ ބަދަލުތައް. އޮންސައިޓުގައި އެ ބަދަލުތައް ގެންނަމުން މިދަނީ" ޤާސިމް ވިދާޅުވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރް.ޑީ.ސީން ކުރާނީ މަގުތަކުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ނިންމާ، މުޅި އަމީނީމަގު 3 ނުވަތަ 4 ސެގްމަންޓަކަށް ބަހާލައިގެންކަމަށް އާރް.ޑީ.ސީން ވިދާޅުވިއެވެ.