މި ހިނގާ މާލީ އަހަރަށް ލަފާކުރާ އިންފްލޭޝަން ރޭޓު %2.5 އަށްވުރެ މަތިވާނެކަމަށް ޖަޕާނުން ނިންމައިފިއެވެ.
ޖަޕާނުގެ ކަމާއި ބެހޭ ފަރާތްތަކުން މިގޮތަށް ނިންމާފައި ވަނީ އެގައުމުގެ ފައިސާ ކަމަށްވާ ޔެން ބަލިކަށިވުމާއި ރޯ މެޓީރިއަލްގެ ހަރަދު ބޮޑުވުމުން އަގުތައް މައްޗަށް ދިއުމުގެ ސަބަބުންނެވެ.
މި އަޕްގްރޭޑްގެ ސަބަބުން މަރުކަޒީ ބޭންކުން ޓާގެޓްކޮށްފައިވާ %2 އަށްވުރެ އިންފްލޭޝަން ރޭޓު އިތުރަށް މަތިވިޔަސް، ޖަޕާނުގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން މަރުކަޒީ ބޭންކުން މާލީ އުސޫލުތަކަށް ލުއި ދޭނެ ކަމަށް ބެލެވެއެވެ. މަރުކަޒީ ބޭންކުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެކަމާއިބެހޭ ގޮތުން އެ ބޭންކުން އަދި އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ.
ޖަޕާނު އިގްތިސާދަށް ލަފާކުރާ ޕްރޮޖެކްޝަންތައް މި މަހު 27 އިން 28 އަށް ބާއްވާ ސިޔާސަތު ކަނޑައެޅުމުގެ ބައްދަލުވުން ނިމުމުން އާންމުކުރަން ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ލަފާކޮށްފައިވާ 2.5% ގެ ކޯ ކޮންސިއުމަރ އިންފްލޭޝަން މަރުކަޒީ ބޭންކުން އިތުރުކުރުން އެކަށީގެންވާކަމަށް ނޫސް އޭޖެންސީން ރިޕޯޓުކުރެއެވެ.
އެމެރިކާ ޑޮލަރާ އަޅާބަލާއިރު ޔެންގެ އަގު ގާތްގަނޑަކަށް %22 އަށް ދަށްވެފައިވާއިރު، ގޭބީސީތަކަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ތަކެތީގެ އަގު އުފުލުން ކޮންޓްރޯލު ކުރުން ޖަޕާނުގެ ސަރުކާރަށް ވަނީ ދަތިވެފައެވެ.
ޖަޕާނުގެ އެންމެ ބޮޑު ވިޔަފާރި ލޮބީގެ ވެރިޔާ މަސާކާޒޫ ޓޮކޫރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ތެލުން ފެށިގެން ކާބޯތަކެތީގެ އަގު އުފުލިފައިވާއިރު، ޔެން ބަލިކަށިވުމުގެ ސަބަބުން ކޮންސިއުމަރުންނާއި ކުންފުނިތަކަށް ދަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.