ފްރަންސޭސި ވިލާތުގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންނަށް ލިބިއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފުރުސަތުގައި ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް، ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލުގައި މަސައްކަތްކުރަން، އެތަނުގެ ހެޑްކުއާޓަރގައި ހުރުމުގެ ފުރުޞަތު ލިބިފައިވާކަމަށެވެ. އޭނާ މަސައްކަތްކުރަން ހަމަޖެހިފައިވަނީ އިންޓަޕޯލްގެ ކްރައިމް ޔުނީޓުގައިކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ކަނޑައެޅޭ އޮފިސަރު މިހާރުވަނީ ހޮވާފައިކަމަށާ، މިއަހަރު ނިމުމުގެ ކުރިން އޭނާ އިންޓަޕޯލްގެ ހެޑްކުއާޓަރއަށް ފުރާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
In a historic first, the @PoliceMv will second a serving Chief Inspector to the Headquarters of @INTERPOL_HQ in Lyon, France for 3 years. The officer selection has been completed by Interpol and will be deployed by end of this year, to work in a specialist crime unit.
— Mohamed Hameed (@M_Hameedh) October 18, 2022
ސީޕީ ވިދާޅުވީ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެން ދިއުމަކީ ކުށްކުރުމާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފާހަގަ ކުރެވިގެންދާ ކަމެއްކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން ތަރައްޤީ ކުރުމަށް ވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން ނުވަތަ އިންޓަރޕީލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭދޭ ޤައުމުތަކުގެ ފުލުހުންގެމެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ.
ފްރާންސްގެ ލިޔޯންގައި ހެޑްކުއާޓަރު ހުންނަ މިޖަމްޢިއްޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްޢިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. ޖުމުލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުރެއެވެ.
ދިވެހި ފުލުހުންވެސް އަންނަނީ އިންޓަރޕޯލްއާ ގުޅިގެން މިހާތަނަށްވެސް އެކި މަސައްކަތްތައް ކުރަމުންނެވެ. އެހެންނަމަވެސް ދިވެހި ފުލުހުންނަށް ސީދާ އިންޓަރޕޯލްގެ ހެޑް އޮފީހުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.