ތެޔޮ އެތެރެކޮށް ވިއްކުމުގެ ހުއްދަ ބޭރުގެ ގައުމުތަކުގެ ކުންފުނި ތަކަށް ދޭން ލަންކާއިން ނިންމައިފިއެވެ.
22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކަރިސާގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން އިތުރުވެ، ބޭހާއި ފަރުދާ އަދި ކާބޯތަކެތި އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުހިންމު ތަކެތި އެތެރެކުރުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
އިގްތިސާދީ ކާރިސާއާއި ގުޅިގެން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެހިކަލް ތަކަށާއި ކަރަންޓަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް އެތެރެކުރުމަށް ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަމެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޕަވާ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކެރާ ވިދާޅުވީ ތެޔޮ ހޯދަން ކިޔުގައި ޖެހިގެން ތިބެ މިއަހަރު ކުރީކޮޅު ވަނީ މީހުންވެސް މަރުވެފައިވާކަމަށެވެ. އަދި އެކަށީގެންވާ މިންވަރަކަށް ތެޔޮ އެތެރެކުރެވޭނެ ބޭރު ފައިސާ ސަރުކާރުގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ގައުމުގެ މާލީ ހާލަތުގެ ސަބަބުން ބޭނުންވާ މިންވަރަށް ތެޔޮ ގަތުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން އިމްޕޯޓު ވަކި މިންވަރެއްގައި ހިފަހައްޓަން ޖެހުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަހުން މަހަށް ބަލާ ލަންކާގެ ހަކަތައިގެ ބިލް މިއަހަރު ދެގުނައަށް އިތުރުވެ 600 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. ނަމަވެސް އެގައުމަށް ޚަރަދު ކުރެވޭނީ ގާތްގަނޑަކަށް 350 މިލިއަން އެމެރިކާ ޑޮލަރުކަމަށް އެނާޖީ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ބޭންކުތަކުން ވެސް ސަޕްލައި ކުރާ ފަރާތްތަކަށް ދައްކަންޖެހޭ ގާތްގަނޑަކަށް 751 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާ ގާނޫނުގެ ސަބަބުން ޕެޓްރޯލިއަމް އިންޑަސްޓްރީ މިނިވަންވެ، ބައިނަލްއަގްވާމީ ކުންފުނިތަކަށް ލަންކާއަށް ސީދާ ތެޔޮ އެތެރެކޮށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ލަންކާއަށް ތެޔޮ އެތެރެކޮށް ވިއްކުމަށް ޝައުގުވެރިކަން ފާޅުކޮށް، އިންޑިއާ، ޗައިނާ، ސައުދީ އަރަބިއްޔާ، ރަޝިޔާ، މެލޭޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއިން މިހާރުވެސް އެ މިނިސްޓްރީއަށް 24 އެޕްލިކޭޝަން ލިބިފައިވާކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް މިނިސްޓްރީގެ އޮފިޝަލަކު ވަނީ މީޑިއާއަށް މައުލޫމާތުދީފައެވެ. އަދި އެ އެޕްލިކޭޝަންތައް ދިރާސާ ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިއީ ލަންކާއަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ. އެ ގައުމުގެ އިގްތިސާދީ ދުވެލި މިހާބޮޑަށް މަޑުވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހަކަތައިގެ އަގު އުފުލި ބައެއް ޓެކްސްތައްވެސް އުނިކުރުމުންނެވެ.