ޚަބަރު

އާސަންދައިގެ ކަސްޓަމަރ ސަރވިސް އޮފީސް ފެން ބިލްޑިންގއަށް ބަދަލުކޮށްފި


އާސަންދަ ކުންފުނީގެ ކަސްޓަމަރ ސަރވިސް އޮފީސް ފެން ބިލްޑިންއަށް ބަދަލުކޮށްފިއެވެ.

އާސަންދައިގެ ކަސްޓަމަރ ސަރވިސް އޮފީސް މީގެ ކުރިން ހިންގަމުން ދިޔައީ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 3 ވަނަ ފަންގިފިލާގައެވެ. އާސަންދައިން ވިދާޅުވީ، އެކުންފުނީގެ ކަސްޓަމަރ ސަރވިސް އޮފީހުގެ ޚިދުމަތްތައް މިއަދުން ފެށިގެން ދެން ލިބޭނީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާއިންކަމަށެވެ.

މި ގެނެވުނު ބަދަލާއެކު އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ޞިއްޙީ ފަރުވާ ހޯދުމަށް ފުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ފެން ބިލްޑިންގުގައި ހުރި ކަސްޓަމަރ ސަރވިސް އޮފީހުންނެވެ.


އާސަންދަ ކަސްޓަމަރ ސަރވިސް އޮފީހުގެ ޙިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން ހަވީރު 4:00 އަށް ލިބޭނެއެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 އިން މެނދުރު 1:00 ޖެހުމާ ހަމައަށް މި އޮފީހުން އާއްމުންނަށް ޚިދުމަތް ލިބޭނެއެވެ. ރަސްމީ ގަޑީގެ ބޭރުން އިމަރޖަންސީ ކޭސްތަކުގެ ލިޔެކިއުންތައް ކަސްޓަމަރ ސަރވިސް ސެންޓަރުން ބަލައިގަންނާނެކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.