ޚަބަރު

ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެއަށް ތައާރަފުކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޯވް ސްޕޯރޓް އިންސްޓްރަކްޓާރ ކޯހެއް ކުރެއްދޫ އައިލެންޑް ރިސޯރޓް ގައި އިފްތިތާޙް ކޮށްފިއެވެ.

އެ ކޯހަކީ މޯލްޑިވްސް ސުޕަރ ޓްރާންސްފާ ސާވިސް (އެމްއެސްޓީއެސް) އާއި ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފެޑަރޭޝަން (ބީޑަބްލިއުއެސްޑަބްލިއު) އާއި ގުޅިގެން ތައާރަފު ކުރި ކޯހެކެވެ. މި ކޯސް ތައާރަފު ކޮށް ދެއްވީ ކްރައުން އެންޑް ޗަޕްމާ ރިސޯޓް އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު)އެވެ.


މި ކޯހުގެ އެންމެ މުހިންމު މަޤްސަދަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ވޯޓަރސްޕޯރޓްސް ގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ޓޫރިސްޓުންނަށް ޓޯވް ސްޕޯރޓްސް ކުޅިވަރު ހިންގުމުގައި ބޭނުން ކުރެވޭ ސޭފްޓީ ސްޓެންޑަޑް ތަށް ދަސްކޮށް ދިނުމާއި އެކު މިކުޅިވަރުތަށް ގެސްޓުންނަށް ދަސްކޮށްދިނުމުގެ ހުނަރުތަށް އިންސްޓަރަކްޓަރުންނަށް އުގަންނައި ދިނުންކަމަށް އެމްއެސްޓީއެސްއިން ބުނެއެވެ. މިކޯހުގައި 10 ކެންނޑިޑޭޓުން ބައިވެރިވެއެވެ. ކޯހުގައި ކިޔަވައި ދެއްވާނީ ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފެޑަރޭޝަން ކަމުގެ ތަޖުރިބާ ލިބިލައްވަފައިވާ މާހިރުންނެވެ.

މި ކުޅިވަރުތަކަކީ ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި އަދި ބައެއް ލޯކަލް އައިލެންޑް ތަކުގައިވެސް ހިންގޭ ކުޅިވަރު ތަކަކަށް ވުމާއެކު ފުރިހަމަ ޓްރޭނިންގް ލިބިގެން ހިންގުމުގެ ބޭނުން ވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ.

މި ކޯސް އިފްތިތާހްކުރުމުގެ ގޮތުން އެމްއެސްޓީއެސް ގެ އިސްވެރިޔާ މަސީހް އިމާދު ވިދާޅުވީ މި ކޯހުގެ ސަބަބުން ރާއްޖޭގެ ވޯޓަރ ސްޕޯރޓް މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މިފަދަ ކުޅިވަރުތަށް ހިންގުމުގައި އިތުބާރު އުފެދުމާއިއެކު މި ދާއިރާ އަކީ ވެސް ކުރިމަގުގައި ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމުގެ އިތުބާރު އުފެދިގެންދާނެ ކަމަށެވެ. އަދި މިދާއިރާއަށް ޝައުގު ވެރިވާނެ ގިނަ ދިވެހި ޒުވާނުން ތަކެއް އުފެދިގެންދާނެ އިތުރު ފުރުސަތަކަށް ވެސް ވެގެންދާނެ ކަމެއް ކަމެގައި ފާހަގަ ކުރެއްވިއެވެ.

އެމްއެސްޓީއެސް އިން ބުނީ މިކޯހަކީ ކުރިމަގުގައި ކޮންމެ އަހަރަކު ވެސް ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށެވެ.

އެމްއެސްޓީއެސް އަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވޯޓާ ސްޕޯޓްސް ހިންގަމުންދާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ވީޑީޑަބްލިއުއެސް އާއި ޕަޑީގެ އެކްރެޑިޓޭޝަން ހޯދާފައިވާ ކުންފުންޏެކެވެ.