ދުނިޔޭގެ ވިޔަފާރި

ހަ ގައުމެއްގެ އިޤްތިޞާދީ ދުވެލި ހަލުއި ވެއްޖެ: ވޯލްޑް ބޭންކް


ހުޅަނގުގެ ބުލްކެންޒްގައި ހިމެނޭ ހަ ގައުމުގެ އިޤްތިޞާދީ ދުވެލި ހަލުއި ވެއްޖެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ހަ ގައުމުގެ އިޤްތިޞާދީ ދުވެލި %3.1 އިން %3.4 އަށް ހަލުއި ވީ ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވެ އިޤްތިޞާދީ ދުވެއްޔަށް އަސަރު ކުރުން އެކަށީގެންވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ގައުމުތަކުގެ އިޤްތިޞާދީ ދުވެލި ހަލުއި ވެފައިވަނީ ޕްރައިވެޓް ކޮންސަމްޕްޝަނާއި އިންވެސްޓްމަންޓުންތައް އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އިތުރުވުމާއި، ވަޒީފާގެ ނިސްބަތް %46 އަށް އިތުރުވެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާވުމުގެ ސަބަބުން ކަމަށް ވޯލްޑް ބޭންކުން ނެރުނު ސަރަހައްދީ ރިޕޯޓެއްގައި ބުނެފައިވެއެވެ.

2022ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިއެރުން ނިސްބަތުން ރަނގަޅުވި ނަމަވެސް، އެސަރަހައްދުގެ އިޤްތިޞާދަށް އަނެއްކާވެސް ގޮންޖެހުންތަކެއް ކުރިމަތިވާން އުޅޭ ކަމަށް ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް ސަންޖާ މަޑްޒާރެވިޗް-ސުޖްސްޓާ ވިދާޅުވިއެވެ.

އެގޮތުން އަލްބޭނިއާ، ބޮސްނިއާ، ކޮސޯވޯ، މޮންޓެނީގްރޯ، ނޯތު މެސެޑޯނިއާ އަދި ސާބިއާގެ 2023 ވަނަ އަހަރުގެ އިޤްތިޞާދީ ދުވެލި %2.8އަށް މަޑުވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. އިޤްތިޞާދީ ދުވެލި މަޑުވާނެ ކަމަށް ލަފާކޮށްފައި ވަނީ އިންފްލޭޝަން މަތިވުމާއި، ކޮންސިއުމަރ އަދި އިންވެސްޓަރުންގެ އިތުބާރު ގެއްލި، ތަކެތީ ފޯރުކޮށްދިނުމުގެ ދަތިކަމާއި، ގައުމުތަކުގެ މާލީ ހާލަތުދަށްވުމުގެ ސަބަބުންނެވެ.

ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެފައިވާއިރު، ވިޔަފާރިތަކުގެ އިތުބާރު ވަނީ ގެއްލިފައެވެ. ބޮސްނިއާ، މޮންޓެނީގްރޯ އަދި އުތުރު މެސެޑޯނިއާގައި ކާބޯތަކެތީގެ އިންފްލޭޝަން %25އާ ހަމައަށް އަރާފައިވާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ. އަދި އަލްބޭނިއާ ފިޔަވައި ބުލްކެންޒްގެ އެހެން ގައުމުތަކުގެ އިންފްލޭޝަން އަންނަ އަހަރު މަތިވާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ގައުމުތަކުގެ މިއަހަރުގެ އިންފްލޭޝަން ހުރީ %10.9 ގައެވެ.

އަގަށް އަންނަ ލޮޅުންތަކުގެ ވަރުގަދަކަން ކުޑަކުރުމަށް ސަރުކާރުތަކުން މަސައްކަތް ނުކޮށްފިނަމަ ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލި މިސަރަހައްދުގެ ފަގީރުންގެ ނިސްބަތް %13އަށް އިތުރުވެދާނެ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މާކެޓް ވާދަވެރިކަމުގެ ފެންވަރު އިތުރުކޮށް ވިޔަފާރިތަކަށް ވަނުމުގެ ހުރަސްތައް ނައްތާލައި ގައުމުތަކުގެ އިޤްތިޞާދީ ދުވެލި ހަލުއި ކުރުމަށް ޕޮލިސީތައް އެކަށައަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.