ދުނިޔޭގެ ވިޔަފާރި

ޔޫރޯ ޒޯން ރިސެޝަނަކަށް ހިނގައިދާނެ ކަމަށް އަނެއްކާވެސް ދައްކައިފި


ޔޫރޯ ޒޯން ރިސެޝަނަކަށް ހިނގައިދާނެ ކަމަށް އަނެއްކާވެސް ދިރާސާއަކުން ދައްކަފިއެވެ.

ގައުމުތަކުގެ އިޤްތިޞާދީ ހާލަތު ޖުމްލަކޮށް ބަލާ މިންގަނޑެއް ކަމަށްވާ، އެސް އެންޑް ޕީ ގްލޯބަލްގެ ޔޫރޯ ޒޯން ފްލެޝް ކޮމްޕޮޒިޓް ޕާޗޭސިން މެނޭޖަރސް އިންޑެކްސް، ޕީއެމްއައި ސެޕްޓެމްބަރު މަހު ވަނީ 48.1 އަށް ވެއްޓިފައެވެ. ރޮއިޓާސް ޕޯލްގައި މިއަދަދު އަރާފައި ވަނީ 47.5 އަށެވެ. މިއާއެކު އޮކްޓޯބަރު މަހަކީ މި އިންޑެކްސް 50 އަށްވުރެ ދަށްކޮށް އޮތް ހަތަރު ވަނަ މަހެވެ. އަދި މިއީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އެންމެ ދަށް ރީޑިންގެ އޮތް މަހެވެ.

އޮކްޓޯބަރު މަހުގެ ފްލެޝް ޕީއެމްއައި އިން ދައްކާ ގޮތުން ޔޫރޯ ޒޯން ރިސެޝަނަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ. އަދި މިހާތަނަށް ލިބިފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ޖަރުމަނުވިލާތް ރިސެޝަނަކަށް ދިއުން ފްރާންސަށް ވުރެ މާ ގާތެވެ.

ހަކަތައަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޖަރުމަނުވިލާތަށްވަނީ ވަރަށް ބޮޑަށް އަސަރެއްކޮށްފައެވެ. ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި އެ ގައުމުގެ އުފެއްދުންތެރިކަންވެސް ވަނީ ދަށަށްގޮސްފައެވެ.
އިންފްލޭޝަން މައްޗަށް ދިއުމާއި ގުޅިގެން ޔޫރޯ ޒޯނުގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ފްރާންސަށްވެސް ވަނީ އަސަރުކޮށްފައެވެ.

އިޤްތިޞާދު ދަށްވެ ދިރިއުޅުމުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ކޮންސިއުމަރުން ޚަރަދުކުރާ މިންވަރުވަނީ ދަށްވެފައެވެ. މިއާއެކު ތަކެއްޗަށް އޮތް ޑިމާންޑްވެސް ދަށްވެ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ދަށަށް ނުދާ މިންވަރަށް މިދިޔަ މަހު ޔޫރޯ ޒޯންގެ އިޤްތިޞާދުވަނީ ދަށަށްގޮސްފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ތަކެތި ފޯރުކޮށްދިނުން ދަތިވުމުގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ކާރުޚާނާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޔޫރަޕް އިއްތިހާދުން ބޭރުގައި އޮންނަ އިނގިރޭސި ވިލާތުގެ އިޤްތިޞާދުވެސް ވަނީ ހީނަރުވާން ފަށާފައެވެ. އިނގިރޭސި ސިޔާސީ ތާރީޚުގައި އެންމެ ހަލަބޮލި އެއް ދުވަސްވަރަށް ފަހު އިނގިރޭސިވިލާތުގެ ތިން ވަނަ ބޮޑުވަޒީރު ކަމަށް ރިޝީ ސުނަކު މިހާރު ވަނީ އައްޔަންކޮށްފައެވެ.