ޚަބަރު

ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭ ހޮސްޕިޓަލަށް


ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލާއި ހަވާލުކޮށްފިއެވެ.

އެޗްޑީސީން އޭޑީކޭއާއެކު ސޮއިކޮށްފައިވަނީ މެޑިކަލް ފެސިލިޓީގެ ފްރޭމްވޯކް އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި އޭޑީކޭ ހޮސްޕިޓަލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކެޓަރ އަޙްމަދު އާޠިފްއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ މިއީ މެޑިކަލް ދެ ފެސިލިޓީ ހެދުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން އެޗްޑީސީން މިއަހަރުގެ ކުރީކޮޅު ހުޅުވާލުމުން އެ ހޮސްޕިޓަލުން އެކަމުގެ ޝައުގުވެރިކަން ފާޅުކުރުމުން ލިބުނު ފުރުސަތެއްކަމަށެވެ.

އައްފާލް ވިދާޅުވީ މިހާރު ސޮއިކުރި އެއްބަސްވުމަކީ މެޑިކަލް ފެސިލިޓީގެ ކޮންސްޕެޓް ފައިނަލް ކުރުމާއެކު އެކަމަކީ ކިހާ ފިސިބިލިޓީކަމެއްތޯއާއި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ކަންކަން އެކުލަވައިލުމަށް ސޮއިކުރި އެއްބަސްވުމެއްކަމަށެވެ. އަދި މި މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭކަމަށް އައްފާލް ވިދާޅުވިއެވެ. އައްފާލް ވިދާޅުވީ މި މަސައްކަތަށްފަހު ފައިނަލް އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. މި ފްރޭމް ވޯކް އެއްބަސްވުމާއެކު އޭޑީކޭއިން ވަނީ މެޑިކަލް ފެސިލީޓީގެ ޑިޒައިންގެ މަސައްކަތްކުރުމަށް ރިޔާން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

އައްފާލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭޑީކޭއިން އަޅާނެ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރަށް ޚިދުމަތް ދެވިގެންދާނެ ހޮސްޕިޓަލެއްކަމަށެވެ. މިގޮތުން މިހާރު މާލޭގައި ހުރި ހޮސްޕިޓަލެކޭ އެއްފަދައިން ހުރިހާ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެކަމަށާއި މިހާރު ހުރި ޚިދުމަތްތައް ފުޅާކުރުމަކީވެސް އުއްމީދެއްކަމަށެވެ. މީގެ އިތުރަށްވެސް މިހާރު ރާއްޖެއިން ލިބެންނެތް ޚިދުމަތްތައްވެސް އެ ހޮސްޕިޓަލާއެކު ލިބިގެންދިއުމަކީ އުއްމީދެއްކަމަށް އައްފާލް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަން ފެށިއިރު އެތަނުން ސިއްޙީ ޚިދުމަތްދެވޭނެ އެއްވެސް ވަޞީލަތެއް ނެތެވެ. މިއާއެކު ސިއްޙީ ޚިދުމަތް ހޯދަން ދާންޖެހިފައިއޮތީ ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ނުވަތަ މާލެއަށެވެ. މިކަން ހައްލުކުރުމަށްޓަކައި އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީއާއެކު 3 ކްލިނިކް ހަދަން އިޢުލާންކޮށްފައެވެ. ކުރިން އެޗްޑީސީން ބުނެފައިވަނީ މެޑިކަލް ފެސިލިޓީ ހަދާނީ 71127 އަކަފޫޓްގެ ބިމަކާއި 67522 އަކަ ފޫޓުގެ ބިމެއްގައިކަމަށެވެ.