ޚަބަރު

ރައްޔިތުން ރުއްސަން ޓެކްސް ކުޑަކުރުމުގެ ނަތީޖާ އެހެން ޤައުމުތަކުން ވަނީ ފެނިފައި: މިއުވާން


ރައްޔިތުން ރުއްސަން ޓެކްސް ކުޑަކުރުމުން ގައުމުތަކުގެ އިގްތިޞާދުތަކަށް ކުރިމަތިވި ހީނަރުކަން ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުން ފެނިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.


ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ސަރުކާރުން ޓެކްސް ނިޒާމަށް ބަދަލެއް ގެންނަން މަސައްކަތްކުރަނީ އިގްތިސާދު ހިންގަން ނޭނގިގެން ނޫންކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އިގްތިސޯދު ރަނގަޅަށް ހިންގަމުންދާކަމަށާއި، ދަރަނިވެސް އަދާކުރެވެމުންދާކަމަށެވެ. އެކަމަކު ވިސްނުން ބަހައްޓަންވީ ހަމައެކަނި އެހިސާބަށް ނޫން ކަމަށާއި، ބިލިއަނުން ހަރަދުކޮށްގެން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތަކާ މެދު ވެސް ވިސްނަން ޖެހޭކަން މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ ރައްޔިތުންގެ ރުހުން ހޯދުމަށް ކަމަށް ބުނެ ބައެއް ގައުމުތަކުން ޓެކްސް ނަގާ ވަރު ކުޑަކޮށް މުޅި ނިޒާމަށް ބަދަލު ގެނައުމުން އެ ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަން ކައިރި ގައުމުތަކަށް އެކަނި ބަލާލި ނަމަވެސް ފެންނާނެ ކަމަށެވެ. އެހެންކަމުން ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންނަށް އޭގެއިން ދެރައެއް ނުވަތަ ދަތިތަކެއްވާނެ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ވާ ފައިދާތައް ކުރިއަށް އޮތް ތަނުގައި ސާފުކޮށް ފެންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި މުޅި އިގްތިސާދަށްވެސް މީގެއިން ރަނގަޅު އަސަރޭ ކުރާނީ. އާމްދަނީ އަށް ވެސް މާ ބޮޑު ބަދަލެއް ނާންނާނެ. އާމްދަނީ ހަމަ އތުރުވެގެން ދާނީ. އިގްތިސޯދު ރަނގަޅަށް މެނޭޖްކުރެއްވިޖެ ނަމަ ވަޒީފާގެ ފުރުސަތު އިތުރުވާނެ، މިހާރު ތިބި ވަޒީފާތަކުގެ ޔަގީންކަން އޮންނާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޓެކްސް ނެގުމަކީ ބޮޑު ކަމެއް ކަމަށާއި، އެކަމާ އެއްކޮޅަށް ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށެވެ. އެކަމަކު އާމްދަނީގެ ނަޒަރަކުން ބެލި ނަމަވެސް މިހާރު ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތުވެސް އޮތީ ޓެކްސްގެ ނިޒާމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަދަލު ގެނެސްގެންކަން މިއުވާން ފާހަގަކުރެއްވިއެވެ.

ޓެކްސް ބޮޑުކުރުމާއި ބެހޭގޮތުން ކަމުގެ މާހިރުންނާއި ސަރުކާރުން ވާހަކަދައްކާފައިވާނެ ކަމަށާއި ބައިނައްލަގުވާމީ ޖަމިއްޔާތަކުގެ ލަފާވެސް ހޯދާފައިވާނޭކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން އައިއެމްއެފް އާއި ވޯލްޑް ބޭންކުންވެސް ރާއްޖޭގައި ޓެކްސް ބޮޑުކުރަން ޖެހޭކަމަށް ލާފާ ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.