ކެނެޑާގެ ރަސްމީ އެއާލައިން، އެއަރ ކެނެޑާގެ 3 ވަނަ ކުއާޓަރުގެ އާމްދަނީ ދެ ގުނައަށްވުރެ މަތިވެއްޖެކަމަށް އެ އެއަރ ލައިނުން ހާމަކޮށްފިއެވެ.
އެއަރލައިންގެ އާމްދަނީ އިތުރުވީ ދަތުރުފަތުރަށް އޮތް ޑިމާންޑު އިތުރުވެ އެއަރލައިނުން ދަތުރުކުރާ މީހުން އިތުރުވުމުން ކަމަށް އެއަރ ކެނެޑާއިން ބުންޏެވެ. ނަމަވެސް ތެލުގެ އަގު އުފުލޭތީ، އެއަރލައިނަށް އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް އެއަރ ކެނެޑާއިން ވަނީ ބުނެފައެވެ.
އެ އެއަރލައިނަށް އާމްދަނީގެ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ލިބިފައި ވަނީ 5.32 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 2.10 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.
ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް އެއަރ ކެނެޑާއިން އުވާލާފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ. މިއާއެކު އެ އެއަރލައިނުން ދަތުރުކުރާ މީހުން ވަނީ އިތުރުވެފައެވެ.
އެއަރ ކެނެޑާގެ ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ އެއާލައިންގެ ޗީފް ކޮމާޝިއަލް އޮފިސަރ ލޫސީ ގިލަމެޓް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ތިން ވަނަ ކުއާޓަރުގައި އެއަރލައިނަށް ލިބުނު އާމްދަނީ އަކީ 2019 ވަނަ އަހަރު އެއަރލައިނަށް ލިބުނު އާމްދަނީއަށްވުރެ %10 އިތުރު މިންވަރެކެވެ. ކޯވިޑުގެ ބަލިމަޑުކަން ފެށުނު ފަހުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއަރ ކެނެޑާގެ އޮޕަރޭޓިންގް މާޖިން ވަނީ %12.1 އަށް އަރާފައެވެ.
އެއަރ ކެނެޑާގެ އިތުރުން އެމެރިކާގެ ބައެއް އެއާލައިންތަކަށް އޮތް ޑިމާންޑުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ އެއަރލައިނަށް މިހާރު އޮތް ޑިމާންޑަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައިވެސް ނުލިބޭ ފަދަ ބޮޑު ޑިމާންޑެއް ކަމަށް ޔުނައިޓެޑް އެއާލައިންސް ހޯލްޑިންގްސް އިން ވަނީ ބުނެފައެވެ.