ޚަބަރު

މިދިޔަ އަހަރު 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު %88 އަކީ ކޮކެއިން


މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރަން އުޅުނު 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރު އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނަށް ބަލާއިރު 88 އިންސައްތަ އަކީ ކޮކެއިންނެވެ.

މިދިޔަ އަހަރު 50 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަތްއިރު މިއީ ކަސްޓަމްސްގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އަހަރެވެ. ކަސްޓަމްސްއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު 57 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

2021 ވަނަ އަހަރު އަތުލައިގެން މަސްތުވާތަކެތީގެ ތެރެއިން 48.4 ކިލޯ އަކީ ކޮކެއިންނެވެ. އެއަށްފަހު އެންމެ ގިނައިން އަތުލައިގަތީ ހެރޮއިންއެވެ. އެއީ %6 އެވެ. މީގެ އިތުރުން މިދިޔަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި މެތަމްފެޓަމީންއާއި، ކެނަބިސް އަދި އެކްސްޓެސީ ވެސް އެކި މިންވަރަށް ހިމެނޭ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ބްރެޒިލް އިންނެވެ. އެއީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގެ 77 އިންސައްތައެވެ. މީގެ އިތުރަށް އިތިއޯޕިއާއާއި ނައިޖީރިއާ އިންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ.

2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 264.93 ކިލޯގެ މަސްތުވާތަކެތިވަނީ މިދިޔަ ސެޕްޓެމްބަރުމަހު ނައްތާލާފައެވެ.

ފުލުހުން ނައްތާލި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅާއި، 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6359 ބޭސްގުޅަ ހިމެނެއެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ 4559 ތަކެތި އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައިވެއެވެ.