ޚަބަރު

ޤައުމު ދަރަނިވެރި ވުމަށް ރައީސް ޖާގައެއް ނުދެއްވާނެ: ނާޝިޒް


މި ދައުރު ނިމިގެންދާއިރު، ޤައުމު ދަރަނިވެރި ވުމަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޖާގަ ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހަލަތާއި ގުޅޭތުން ޕީއެސްއެމް ނިއުސްގެ "ބަޖެޓް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ނާޝިޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ޤައުމުގެ އިޤްތިޞާދު ހަމަ ހަމަގަށް އެޅުވުމަށް ހުށައެޅި އުންމީދީ ބަޖެޓެއްކަމަށެވެ. މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރާއިރު، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ބަޖެޓުގައި ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި، އިޤްތިޞާދީ މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދީފައިވާއިރު ސަރުކާރުގެ ވިސްނުމަކީ މިދައުރުނިމި އާ ދައުރެއް ފެށިގެންދައިރުވެސް އާމްދަނީ ދެމެހެއްޓެވި ގޮތެއްގައި ހިފެއްޓުންކަމަށް ނާޝިޒް ވިދާޅުވިއެވެ. އެކަން ކުރުމަށް ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަކީ މިހާލަތުގައި ގޮންޖެހުން ބޮޑު ނިންމަކަށް ވީނަމަވެސް މިއީ ދުރު މުސްތަގުބަލަށް ޤައުމުގެ އިޤްތިޞާދު ހަމަހަމަގަށް އެޅުވުމަށް ނިންމޭ މުހިންމު ނިންމުމެއްކަމަށް ނާޝިޒު ސިފަކުރެއްވިއެވެ.

"ޑިފޯލްޓަކަށް ދިއުން އެވޮއިޑް ކުރުމަށްޓަކައި، އެވޮއިޑް ކުރެވޭނެ ސަސްޓެއިން ކުރެވޭނެ މެނޭޖް ކުރެވޭނެ މަގު އޮއްވާ ސިޔާސީ ބޭނުމަކަށްޓަކައި އަޅުގަނޑުމެން އެކަން ނުކުރުން އެއްވުރެއް ޒިންމާދާރުކަން ކުޑަގޮތެއް ނޯންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މިކަން ކުރަން މިޖެހެނީ ޤައުމު އަޅުގަނޑުމެން އިސްކޮށްފަ މިކަންކަން ކުރަން ޖެހޭތީވެ." ނާޝިޒު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިޤްތިޞާދު ހަމައަކަށް އެޅުމަށް އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންތައްތަކުގެ ތެރޭގައި ތަރައްޤީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ މަގަކަށް ބަޖެޓުގައި ވަނީ ގިނަ މަސައްކަތްތަކެއް ކަނޑައަޅާފައެވެ. ނާޝިޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ގިނަ ވައުދުތައް ފުއްދި، އަދި ބައެއް ވަޢުދުފުޅުގެ މަސައްކަތްތައް މިހާރުވެސް ހިނގަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ނުނިމި ހުރި މަަސއްކަތްތައް ނިންމުމަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށެވެ.

މިހާރުވެސް އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި ރައީސް ވެވަޑައިގެންފައިވާ ގިނަ ވައުދުތައް ނިމި އޭގެ ފައިދާ ކުރަމުންދާކަމަށާއި، ކުރިއަށް އޮތް އަހަރަކީ ގިނަ މަޝްރޫޢުތަކެއް އަނެއްކާވެސް ފެށި ނިމިގެންދާނެ އަހަރަކަށް ވެގެންދާނެކަމަށް ނާޝިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިބަޖެޓަކީ ސީދާ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނެ ގޮތަކަށް ތައްޔާރު ކުރެވިފައިވާ އުންމީދީ ބަޖެޓެއްކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.