ޚަބަރު

ވަޢުދުތަކާ އެއްގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ނިމޭނެ: މިޢުވާން


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް މިދައުރުގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން، މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭ ގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރެއިން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް މިދައުރުގައި ނިމިގެންދާނެކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާއި، އެއްގޮތަށް ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ އިޤްތިޞާދާއި، ޙާލަތަށް އައި ބަދަލުތަކާއެކު ލަސްތަކެއް އައިނަމަވެސް، އެއްވެސް މަސައްކަތެއް މަޑުޖެހިފައި ނުވާކަމަށް މިޢްވާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ 90 އިންސައްތައަށްވުރެ ގިނަ މަސައްކަތް މިހާރުވެސް ރަށްރަށުގައި ކުރެވި، ހިނގަމުންދާއިރު މިދައުރުގައި ތަރައްޤީގެ ކަންކަން ހާސިލްވާނެކަމާމެދު ސުވާލެއް ނެތްކަމަށް މިޢްވާން ވިދާޅުވިއެވެ.

"ޕްރޮޖެކްޓްތައް ނިމޭނެ. އަޅުގަނޑުމެން ކުރިއަށް މިގެންދާ ޕްރޮޖެކްޓްތައް، ދިމާވި ގޮންޖެހުންތަކާއި އެކުވެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކި އެކި ޕްރޮޖެކްޓްތަކާއި، ޕްރޮގުރާމުތަކާއި އެކުވެސް އެހުރިހާ ކަމެއް ހަމަ ބަރާބަރަށް ކުރިއަށްދާނެ. ބައެއް ފަހަރު އެކި އެކި ކަންކަމާއި ދިމާވެގެން ކުދިކުދި ލަސްކަމެއް އައި ކަމުގައި ވީނަމަވެސް، އެކަންކަންވެސް ހައްލުކޮށް މަސައްކަތް ބަރާބަރަށް ކުރިއަށް އެބަދޭ." މިއުވާން ވިދާޅުވިއެވެ.

ސަރުކާރުން އަތޮޅު ތެރޭގައި ހިންގާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި، މިނިމަމްވޭޖް ކަނޑައެޅުންފަދަ މުހިންމު މަސައްކަތްތަކެއް މިހާރުވެސް ވަނީ ކޮށްދެއްވާފައެވެ. އަދި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ޞިއްޚީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ނިންމައި ބަޖެޓުވަނީ ކުރެވިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން ވިދާޅުވީ ސިއްޚީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާކަމަށެވެ. އެގޮތުން ބަޖެޓުގައި 5 ބިލިޔަނަށްވުރެ ބޮޑު ބަޖެޓެއް ޞިއްޚީ ދާއިރާއަށް ކަނޑައަޅުއްވާފައިވާކަމަށެވެ.

"ޞިއްޚީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ވަރަށް އަވަހަށް ބޮޑުވެގެންދާނެ. އެކަމާއި ގުޅޭގޮތުން ދިރާސާތަކަކާއި ކަންތައްތަކެއް ކުރިއަށް އެބަދޭ. އެކަންކަން ނިމުނުހާ އަވަހަކަށް ޞިއްޚީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ވަރަށް އަވަހަށް ރަނގަޅުވެގެން އަންނާނެ. މީގެ ކުރީގައި ޓީޗަރުންގެ މުސާރަވެސް ބޮޑުކުރައްވާނެކަމަށް ވިދާޅުވެ، ރައީސް ވިދާޅުވެ އެކަންވެސް ވަނީ ކޮށްދެއްވާފަ. ޞިއްޚީ ދާއިރާއަށްވެސް ގިނަ ދުވަސްތަކެއްނެވެ އެކަން ހަމަޖެހިގެންދާނެ" މިޢްވާން ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ތަރައްޤީއާއެކު، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައި ވައުދުފުޅުތަކަކީ ފުއްދޭނެ އަދި އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަންތައްތަކެއްކަމަށް މިޢްވާން ވިދާޅުވިއެވެ. އަދި މިފެށޭ އަހަރަކީ ގިނަ މަސައްކަތްތަކެއް ނިމި އެކަމުގެ މަންފާ ރައްޔިތުންނަށް ކުރާނެ އަހަރެއްކަމަށްވެސް މިޢްވާން ވިދާޅުވިއެވެ.