ޚަބަރު

ޤައުމަށްޓަކައި ދީނަށްޓަކައި، އަށްޑަނައަކަށް މޭ ދިއްކޮށްލަމާ


ޤައުމަށް ދިމާވާ ކޮންމެ ޢުދުވާނީ ހަމަލާއެއްގެ ފަހަތުގައި މި ޤައުމުގެ ކޮންމެވެސް ބަޔަކު ތިބޭއިރު މިކަންކަމުން ނަޞްރު ހޯދައިދިނުމަށް އެންމެ އިސްސަފުގައި މަސައްކަތްކޮށްފައިތިބީ އެ ޒަމާނެއްގެ ޒުވާނުންނެވެ.

އެއީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުންކަމުގައިވިޔަސް، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަސްކަމުގައި ވިޔަސްއެވެ. މިއިން ކޮންމެ ހާދިސާއަކުންވެސް ރާއްޖެއަށް ނަޞްރު ހޯދުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން ދިޔައީ މިޤައުމުގެ ލޭ ހިނގާ ޒުވާން ދަރިންނެވެ.

އާދެ! މިއަދަކީ 1988 ވަނަ އަހަރުގެ ނޮވްމެބަރު 3 ގެ ޢުދުވާނީ ހަމަލާއިން ރާއްޖެއަށް ނަޞްރުލިބި އެ ޒުވާން ދަރިންގެ ޤުރުބާނީގެ ހަނދާން އައު ކުރާ ދުވަހެވެ. މިއަދަކީ މީގެ 34 އަހަރު ކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން، ދިވެހި ޤައުމަށް ނަސްރުހޯދައިދިން ފަޚުރުވެރި ދިވެހިންގެ ނަޞްރުގެ ދުވަހެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާ އާއި ދިވެހިން ކުރިމަތިލީ ދުވަހެވެ.

ދިވެހިންގެ ތެރެއިން މަދު ބަޔަކު ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށްޓަކައެވެ.

ނޮވެމްބަރު 3 ގެ ބާޣީންނާއި ދުޝްމަނުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. މި ޢުދުވާނީ ހަމަލާގެ މޭސްތިރިޔަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ.

ޒަމާނީ ހަތިޔާރާއެކު ހަމަލާދެމުންދިޔަ ދުޝްމަނުންގެ މައި އަމާޒަކަށް ހަދާފައި އޮތީ ދިވެހި ސިފައިންގެ މައި މަރުކަޒެވެ.

މިޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް ނުކުތް ސިފައިންގެ ލަޝްކަރުގެ 8 ބޭކަލަކު ޝަހީދުވިއެވެ. އެދުވަހު ދުޝްމަނުންނަށް ސިފައިންގެ މައިމަރުކަޒު ނުހިފުނީ ހިތްވަރުގަދަ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން ޢާދަމް ސިފައިންގެ ދޮރާށި ބެލެހެއްޓެވުމުގައި ދެއްކި އާދަޔާ ޚިލާފު ހިތްވަރާއި ސާބިތުކަމެވެ. އަމިއްލަ ފުރާނަ އަށްޑަނައަކަށް ހަދައިގެން މާތްވެގެންވާ އިސްލާމްދީނާ މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ޚިމާޔަތާ ރައްކަލުގައި އެންމެފަހު ނޭވާއާ ޖެހެންދެން ދުޝްމިނުންނާ ދެކޮޅަށް ޝަހީދު ހުސެއިން ޢާދަމް ގެންދެވީ ހަނގުރާމަކުރައްވަމުންނެވެ.

ދިވެހި ޤައުމަށް ލިބުނު ނަޞްރުގެ ހަޤީޤީ ސަބަބަކީ އެންމެ 20 އަހަރުގެ މި ޒުވާން ބަޠަލު ދައްކުވައިދިން މިހިތްވަރުގަދަ ޢަމަލެވެ. އެ ބިރުވެރި ދުވަހު ޢާންމު މަދަނީންގެ ތެރެއިން ދުޝްމަނުން ޝަހީދުކޮށްލި 11 ދިވެހިންނާއެކު ޖުމްލަ 19 ދިވެހިންގެ ޠާހިރުލެއިން މި ފަޚުރުވެރި ދިވެހި ބިން ފެވިގެންދިޔައެވެ. އަދި މިޙަމަލާގައި 39 ދިވެހިން ޒަޚަމްކޮށްލާފައިވެއެވެ.

އެދުވަހު އަޅުނގަނޑުމެންނަށް ފެނިގެންދިޔައީ ދިވެހި ޒުވާނުންގެ ކެރުމާއި ހިތްވަރުގަދަކެމެވެ. ޤައުމަށް ކޮންމެ ފަދަ ޙާލަތެއް ދިމާވިނަމަވެސް ޖެހިލުމެއް، ފަސްޖެހުމެއްނެތި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެކަމެވެ. ދީނާ ޤައުމުގެ ދިފާޢުގައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ކެރިދާނެކަމެވެ.

ދުޝްމަނުންނަށް މި ޤައުމުން ހަމަ އެންމެ އިއްޗިއެއްވެސް ދޫކޮށް ނުލާނެކަމެވެ. ގައިގައި ހުރި ހިތްވަރެއް ނެރެ އެންމެ ފަހު ނޭވައާ ހަމަޔަށްވެސް ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ޤައުމަށް ނަޞްރު ހޯދައިދޭނެކަމަވެ. ޝަހީދުވެ ދިޔަ ބަޠަލުންނަން އެދުވަހު ޤައުމު އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކޮށްލީ ވަރަށް އިތުބާރާއެކުގައެވެ. އަދުގެ ޖީލު ޤައުމު ދިފާއުކުރާނެކަމުގެ އުއްމީދާއެކުގައެވެ.

ޝައްކެތްވެސް ނެތްގޮތުގައި އަދުގެ ޒުވާނުންނަކީ އެތައް ގޮތަކުން ޤާބިލު ކުޅަދާނެބައެކެވެ. ޒުވާނުންނަށް އެތަކެއް ފުރުޞަތުތަކެއް ހޯދާދީ މިހާރުވެސް ދުނިޔޭގައި ރާއްޖޭގެ ނަން ވިދުވަމުންގެންދާއިރު ޤައުމަށް ދެރަގޮތެއްވިޔަ ނުދޭނެކަން ޔަޤީންކޮށްދީފިއެވެ.

އެހެންކަމުން ޤައުމަށްދިމާވާ ކޮންމެ ކަމަކަށް ކޮންމެ މައްސަލައަކަށް ބަސްބުނަމުން އަންނައިރު ޤައުމުގެ މިނިވަންކަން ގެއްލުނަނުދޭނެކަން ކަށަވަރެވެ. އަދުގެ ކޮންމެ ޒުވާނެއްގެވެސް އަޒުމާ އުއްމީދަކަށްވެސް ހަދަންވީ ޚާއިނުންގެ އައްމަތިން މި ލޮބުވެތި ޤައުމު ސަލާމަތް ކުރުމަށެވެ. ޢުދުވާނީ ހާމަލާތަކާ އެއްފަދައިން ކުރާ ފިކުރީ ހަނގުރާމަތަކުންވެސް އަޅުގަނޑުމެންގެ ދީނާއި ޤައުމު ސަލާމަތް ކުރުމަށެވެ.

އަހަރުމެން ކޮންމެ ޒުވާނެއްގެ ދެގޮތެއްނުވާ ޢަޒުމަކަށް ހަދަންވީ "ޤައުމަށްޓަކާ ދިނަށްޓަކާ ކެރިގެން ޖިހާދުކުރާނަމޭ، ފައުޅާއި ސިއްރާއި އެއްގޮތަށް ހުރިހާކަމެއް ގެންދާނަމޭ، އަހުރެންގެ މޭ ޤައުމަށްޓަކާ އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހުނޭވައާއި ދަންދެން މޮޓޯކަމުގައި ޚިޔާރުކުރާނަމޭ" މި މޮޓޯއެވެ.