ޚަބަރު

ރަޝިއާގެ އިގްތިސާދީ ދުވެއްޔަށް މަޑުޖެހުމެއް!


ރަޝިޔާގެ އިގްތިސާދީ ދުވެލި މިދިޔަ ސެޕްޓެމްބަރުމަހު %5 އަށް މަޑުޖެހިފައިވާކަމަށް އެ ގައުމުގެ އިގްތިސާދާބެހޭ ވުޒާރާއިން ހޯމަ ދުވަހު ބުނެފިއެވެ.

ރަޝިއާގެ އިގްތިސާދީ ދުވެލި އޭގެކުރިން އޮގަސްޓު މަހު މަޑުޖެހިފައި ވަނީ 4 އިންސައްތައިގައެވެ.

ރަޝިއާގެ އިގްތިސާދީ ދުވެލި މަޑުޖެހިފައި ވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރަޝިއާއިން ބުނާ ގޮތުގައި އެ ގައުމުގެ އިގްތިސާދު ހަލާކުކޮށްލުމުގައި ހުޅަނގަށް ވަނީ ނާކާމިޔާބުވެފައެވެ.

ރަޝިއާގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް އިގްތިސާދީ މާހިރުން ވަނީ މިއަހަރު ކުރީކޮޅު ލަފާކޮށްފައެވެ. އިގްތިސާދާއިބެހޭ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މިއަހަރުގެ އިގްތިސާދީ ދުވެލި މަޑުޖެހޭ މިންވަރު %2.9 އަށް ކުޑަކުރުމަށް ރަޝިއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައަށް ރަޝިއާއިން 3 ލައްކައެއްހާ އާންމުން ނިކުންނަށް ގޮވާލާފައިވާއިރު، މިކަމުގެ ސަބަބުން އެތެރޭގެ ޑިމާންޑު ދަށްވެ، ވިޔަފާރިތަކަށް އަސަރުކޮށް ރަޝިއާގެ އިގްތިސާދަށް އަސަރުކުރުން ގާތް ކަމަށް މަރުކަޒީ ބޭންކުގެ އޮފިޝަލުން ވިދާޅުވެއެވެ.

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރަޝިއާގެ އިގްތިސާދީ ދުވެލި އޭގެ ކުރީ އަހަރުގެ ތިން ވަނަ ކުއާޓަރާއި އަޅާ ބަލާއިރު %4.4 އަށް މަޑުޖެހިފައި ކަމަށް އެ ގައުމުގެ އިގްތިސާދާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.