ޚަބަރު

"ޒުވާނުންގެ ދިސާ 2022" ފަރުކޮޅުފުށީގައި ފަށައިފި


"ޒުވާނުންގެ ދިސާ 2022"ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ގުޅިގެން ހިންގާ ކޭމްޕު ފަރުކޮޅުފުށީގައި މިއަދު ފަށައިފިއެވެ. މިއީ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

މިމަހުގެ 6 އިން 8 އަކަށް މި ކޭމްޕު ކުރިއަށްދާނީ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ. މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އާދަތަކާއި، ލައިފް ސްކިލްސްގެ އެކި މަޢުލޫމާތުތައް ދިނުމުގެ އިތުރުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.


އެޗް.ޑީ.ސީން ވިދާޅުވީ، މި ޕްރޮގްރާމުގައި ޖުމްލަ 30 ޒުވާނަކަށް ފުރުޞަތު ދީފައިވާކަމަށެވެ. އަދި މިއީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއްކަމަށެވެ.

"ޒުވާނުންގެ ދިސާ"އަކީ 2019 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީއާއި ގުޅިގެން އެޗް.ޑީ.ސީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.