ސަރުކާރުން އަތޮޅުތެރޭގައި ކުރިއަށްގެންދާ ބޯހިޔާބަހިކަމުގެ މަޝްރޫޢޫތަކުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި އެތަންތަނަށް މީހުންނަށް ވަދެވޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރކްޗައިން ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންނަނީ އަތޮޅުތަކުގައި ދެހާހެއްހާ ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމްނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނއިަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނިންމުމަށް ވަރަށް މުހިއްމު ބަޖެޓެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތަކުގައި ބައެއް ސަރަހައްދުތަކުގައި ފާށާފައިވާ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރިކަން ޕްލޭނިން މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި މި ސަރުކާރުން ކުރެއްވި އެންމެ ފުރަތަމަ މަސައްކަތަކީ އޭރު ހައުސިންގ މަޝްރޫޢުތައް ހުއްޓުނު ސަބަބުތައް ދެނެގަނެ، އެ މަސައްކަތްތައް އަލުން ފަށައިގަތުމެވެ.
ޕްލޭނިން މިނިސްޓްރީގެ ސީނއިަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ އަތޮޅުތެރޭގައި އެކި ސަބަބުތަކާ ހުރެ 505 ހައުސިން ޔުނިޓްގެ މަސައްކަތް އޭރު ހުއްޓިފައި ހުރިކަމަށެވެ. ނަމަވެސް އެ މަޝްރޫޢުތައް ސަރުކާރުން އަލުން ފަށާފައިވާކަމަށާއި،އޭގެ ތެރެއިން 150 ހައުސިންޓްގައި މީހުން ދިރިއުޅެން ފަށާފައިވާކަމަށެވެ. އަދި މި މަހުގެ ތެރޭގައި ކުޅުދުއްފުށީގައި ހުރި ހައުސިން ޔުނިޓްތަކުގެ ތެރެއިން 105 ހައުސިން ޔުނިޓްއަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރަމުން އަންނަކަށް އާރިފް ވިދާޅުވިއެވެ.
"ސަރުކާރުގެ ފައިސާއިން ހަރަދުކޮށްގެން މިހެން ފަށާ މަޝްރޫޢުތަކަކީ ހުއްޓުމެއްނެތި ކުރިއަށް ގެންދަން ޖެހޭ މަޝްރޫޢުތަކެއް. މިހާރު ނޮޅިވަރަންފަރުގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމިގެން އިވެލުއޭޝަން މަރުހަލާގައި، އިތުރު 50 ހައުސިން މަޝްރޫއުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައި. ތުޅާދޫގެ 50 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ހައްޤުވެރިފަރާތްތަކާ ހަވާލުކުރެވިފައި." ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މި ސަރުކާރުން ޕްލޭންކޮށްގެން ޕީއެސްއައިޕީ ބަޖެޓްގެ ދަށުން 22 ރަށެއްގައި 1900 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންގޮސް ރައްޔިތުންނާ ހަވާލުކުރެވޭނީ އަސާސީ ހުރިހާ ޚިދުމަތެއް ޤާއިމްކުރުމަށްފަހުކަމަށްވެސް އާރިފް ވިދާޅުވިއެވެ. އޭނާ ވަނީ އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވާ ބަޖެޓްގައި މި މަޝްރޫޢޫތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް އަމާޒުކޮށްފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި އަމާޒަކީ އަންނަ އަހަރު މެދުތެރެއަށް އަތޮޅުތަކުގައި ކުރިއަށް ގެންދާ ހައުސިން ޔުނިޓްތަކުގެ ބޮޑުބައެއް ނިންމާ އެތަންތަނަށް މީހުން ވެއްދުންކަމަށްވެސް ޢާރިފް ވިދާޅުވިއެވެ. އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ހައުސިންޔ ޔުނިޓްގައި މީހުން ދިރިއުޅެން ފަށާނެކަމަށްވެސް ޢާރިފް ވަނީ ފާހަގަކުރައްވާފައެވެ.
"މިހާރު ހިންގާ ހުރިހާ ހައުސިން މަޝްރޫޢުތައް ދޭނީ ހުރިހާ އަސާސީ ޚިދުމަތްތައް އެ ހައުސިން ޔުނިޓްއަކުން ލިބޭނެގޮތަށް. އަދި ހައުސިން ޔުނިޓްތައް އަޅާތަންތަނަކީ ހިތްފަސޭހަ ތަންތަންނަށް ވެސްވެގެން ދާނެ." ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވިއެވެ.
މީގެ ކުރިން އަތޮޅުތަކުގައި ކުރިއަށްގެންގޮސްފައި ހުރި ހައުސިން މަޝްރޫޢުތަކުގެ ތެރެއިން 2012 ވަނަ އަހަރު ފަށާފައި ހުރި ހައުސިން ޔުނޓްގެ ތެރެއިން ބައެއް މަޝްރޫއުތައް ހުރީ ލިބޭ ފަރާތްތައް މިހާރު ކަނޑައަޅާފައެވެ. ނަމަވެސް އެތަންތަނުގައި ފެނާއި ކަރަންޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެކަންކަން ކުރުމަށް ބޮޑު ހޭދައެއްވިކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުން އަންނަނީ އަތޮޅުތަކުގެ އިތުރުން މާލެ ސަރަހައްދުގައިވެސް ހައުސިންގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.