ޚަބަރު

ދީނީ އެއްބައިވަންތަކަން ކުރިއަރުވާ، އިސްލާމީ އަޤީދާ ވަރުގަދަކުރުމަށް އެތައް މަސައްކަތެއް


ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ އަމިއްލަވަންތަ މިނިވަން އަދި ޑިމޮކްރެޓިކް ރިޔާސީ ނިޒާމެއް އޮންނަ ފަޚުރުވެރި ޤައުމެކެވެ. ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ކުރިއަރުވާ، އިސްލާމީ އަޤީދާ ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދުގެ ސަރުކާރުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޤައުމުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާ އެއްވަރަށް އިސްލާމީ ސައްޙަ އަޤީދާ ކުރިއަރުވާ، އެކަން ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިސްކަންދެއްވާ މުހިއްމު ސިޔާސަތެކެވެ. މުސްތަޤުބަލުގައި މި ޤައުމު ހިންގުމަށް ހުންގާނަށް އަރާ ދަރިންނަކީ ޢީލްމީ، ހުނަރުވެރި ޤާބިލް ބަޔަކަށްވުމުގެ އިތުރަށް އެ ދަރިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ހޭލުންތެރި، ދީން ހިމާޔަތް ކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މާދަމާއަށް މިދަރިން ބިނާ ކުރެވޭނީ މިއަދު ދެވޭ ތަޢުލީމާއި ތަރުބިއްޔާތު ފުރިހަމަވެގެންކަން މި ސަރުކާރުން ޤަބޫލުކުރެއެވެ. މިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް އަންނަނީ ހިންގަމުންނެވެ.

އިސްލާމީ ސައްޙަ އަޤީދާ ކުރިއަރުވާ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ސަރުކާރުގައި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ރަށްރަށަށް ދީނީ ޢިލްމުވެރިން، ފޮނުވާ ދީނީ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. މި މަސައްކަތުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން "އޯގާ ކޭމްޕް" 8 އަތޮޅެއްގެ 31 ރަށުގައި ޖުމްލަ 296 ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްތާމްގެ އިތުރަށްވެސް ހޭލުންތެރިކުރުވުމުގެ އެހެނިހެން ޕްރޮގްރާމްތައް ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 7 އަތޮޅެއްގެ 14 ރަށުގައި ޖުމްލަ 33 ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. ދީނީ މަޢުލޫމާތުތައް އެންމެ ފުރަތަމަ ލިބޭނެ ތަންތަނަކީ މިސްކިތްތައްކަމަށްވުމުން މިސްކިތަކުގައިވެސް އަންނަނީ ދަރުސްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ. މިވީ 4 އަހަރުގެ ތެރޭގައި މިސްކިތްތަކުގައި 359 ދަރުހެއް ވަނީ ދީފައެވެ. މީގެ އިތުރަށް ރާއްޖެއިންނާއި ރާއްޖޭއިން ބޭރުން ދީނީ ޢިލްމުވެރިން ގެނެސް މުޖުތަމަޢޫގައި ހުރި މައްސަލަތަކަށް ރިއާޢަތްކޮށް ދަރުސް ދީފައި އެބަހުއްޓެވެ.

ދިވެހި ރައްޔިތުންގެ މެދުގައި ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ފިކުރުތަކާއި، ދީނާއި ދެކޮޅު ފިކުރުތަކަކީ ކޮބައިކަން އާންމުންނަށް އަންގައިދިނުމާއި، އެފަދަ ފިކުރުތަކުގެ ނުރައްކާތެރިކަން ބުނެދިނުމުގެ މަޤްޞަދުގައި އިސްލާމްދީނުގެ ޞައްހަ ޢަޤީދާ ހާމަކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ އެހީގައި މިއަހަރު ނޭޝަނަލް މޮޑެރޭޝަން ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރަށްވެސް ސަރުކާރުން ވަނީ މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢޫތައްވެސް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ދުވަސްވެފައި ހުރި މިސްކިތްތައް ބަންދުކުރުމަށްފަހު އައު މިސްކިތްތައް ބިނާކުރުމާއި އާބާދީއަށް އަންނަމުންދާ ބަދަލާއެކުވެސް އިތުރު މިސްކިތްތައް އަންނަނީ ބިނާކުރަމުންނެވެ. އަދި މިހާރު ހުރި މިސްކިތްތަކުގެ ތެރެއިންވެސް މަރާމާތަށް ބޭނުންވާ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫޢުތައް ހިންގާފައިވެއެވެ.

މިގޮތުން މި ދައުރުގައި 40 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފެށިއެވެ. މީގެ ތެރެއިން މިވަގުތު 17 މިސްކިތެއް ހުޅުވާ މިސްކިތުގައި ނަމާދުކުރަން ވަނީ ފަށާފައެވެ. އަދި މިވަގުތުވެސް 14 މިސްކިތެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު މީގެ ތެރެއިން ބައެއް މިސްކިތްތައް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި 9 މިސްކިތުގެ މަސައްކަތް ވަނީ ޓެންޑަރ މަރުހަލާގައެވެ.

މިސްކިތްތައް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 38 މިސްކިތެއް ބިނާކުރުމަށާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރުމަށްވެސް ހިމަނާފައިވެއެވެ.

މީގެ އިތުރަށް މިސްކިތްތަކުގެ ބެލެހެއްޓުމުގެ ޒިންމާ ކައުންސިލްތަކާ ޙަވާލުކޮށް، އަލަށް ބިނާ ކުރާ މިސްކިތްތަކާއެކު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

މިސްކިތްތަކުގައި ތިބި އިމާމުންނަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި ބަޔަކަށް ހެދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން 241 މީހަކު މިހާރުވެސް އަންނަނީ ކިޔަވަމުންނެވެ. އަދި 46 އިމާމުން ވަނީ ޑިޕްލޮމާ ފެންވަރަށް ތަމްރީންކޮށްފައެވެ.

ސަރުކާރުގެ އެންމެ މުހިއްމު އެއްއަމާޒަކީ މިޤައުމާއި މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ޤައުމަށް ދިމާވާ ކޮންމެފަދަ ކަމަކުންވެސް މި ޤައުމު ސަލާމަތް ކުރުމެވެ. މިކަން ހާސިލްވާނީވެސް މި ޤައުމުގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނަށް އިހްތިރާމްކުރާ، ދީން ހިމާޔާތް ކުރާ ބަޔަކަށް ވެގެންނެވެ.