ޚަބަރު

އަހަރު ނިމުމުގެ ކުރިން ޓޭޒާ ގަން ބޭނުންކުރަން ފަށަނީ


ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ޓޭޒާ ގަން މިއަހަރުގެ ތެރޭގައި ބޭނުން ކުރަން ފަށާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށްފަހު ޓޭޒާ ގަން ބޭޏުންކުރާނެ ގޮތް ނޫސްވެރިންނަށް ދައްކާލާފައެވެ.

ފުލުހުން ބޭނުން ކުރަން ތައްޔާރުވާ ޓޭޒާ ގަންއަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. ޓޭޒާ-7ގެ މި ގަންއަކީ މިމޮޑެލްގެ އެންމެފަހުގެ ވާޝަންއެވެ. މި ގަން ކުރިއަށް އޮތް ވޯލްޑްކަޕް ބާއްވާ ގައުމު ޤަތަރުގައިވެސް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބޭނުން ކުރަން ފެށުމަށް ތައްޔާރުވާ ޓޭޒާ ގަންއާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމިދު ވިދާޅުވީ މިއީ ފުލުހުން ކުރިމަތިލާންޖެހޭ އެކި ސީންތަކާއި ގުޅިގެން މިހާރު ކުރިމަތިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ މުހިންމު ވަޞީލަތެއް ކަމަށެވެ. މި ވަޞީލަތުގެ ބޭނުން މިއަހަރުގެ ތެރޭގައި ފެށުމަށް އުސޫލު ހަދައި ގެޒެޓްވެސް ކޮށްފައިވާކަމަށް ޙަމީދު ވިދާޅުވިއެވެ.

ފުލުހުން ވަނީ ޓޭޒާގަން ބޭނުން ކުރާ ގޮތާއި، އެ ބޭނުންކުރާނެ ހާލަތްތައްވެސް ޕްރެސްއަށްފަހު ހުށަހަޅާދީފައެވެ.

އެގޮތުން ޓޭޒާގަން ޖެހުމާއިއެކު މީހާ ބިންމައްޗަށް ވެއްޓެއެވެ. ގާތްގަނޑަށް 5 ވަރަކަށް ސިކުންތު މީހާގެ ހަރަކާތް ހުއްޓި ފުލުހުންނަށް އޭނާ ބެލުމުގެ ދަށަށް ގެނައުމަށް ފަސޭހަ ވެއެވެ. ފުލުހުން މިގަން ބޭނުން ކުރާ ސީންތަކަކީ އެހާލަތަކާއި ގުޅިގެން އެސަރަހައްދު ކޮންޓްރޯލް ކުރުމަށް އެވަގުތު އެސަރަހައްދުގައި ހަރަކަތްތެރިވާ އިސް އޮފިސަރަށް ފެނިއްޖެނަމަ ބޭނުން ކުރާގޮތަށް ހަމަޖެހިފައިވާ ވަސީލަތެކެވެ.

މި ޓޭޒާ ގަން ބޭން ކުރާ ކޮންމެ ޕޮލިސް އޮފިސަރެއްގެވެސް ޔުނިފޯމްގައި ބޮޑީވޯން ކެމެރާ ހުންނާނީ ހަރުކޮށްފައެވެ. އެއްވެސް ހާލަތެއްގައި ޓޭޒާގަން ބޭނުންކުރާނަމަ، ބޮޑީވޯން ކެމެރާއަށް އެސަރަހައްދުގައި ހިނގާ ހުރިހާކަމެއް ރެކޯޑު ކުރެވިގެންދާނެއެވެ. އަދި އެސަރަހައްދާއި، ފުލުހުން އެސީންގައި އަމަލުކުރާނެ ގޮތްވެސް ރެކޯޑު ކުރެވެމުންދާނެއެވެ.

ފުލުހުން ވަނީ ޓެޒާ ގަން ބޭނުނުން ކުރަން ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވެފައެވެ. އެގޮތުން މިހާތަނަށް ދެ ބެޗަކަށް ބަހާލައިގެން 20 ފުލުހަކަށް ވަނީ ގަން ބޭނުން ކުރާނެ ޓްރެނިން ދީފައެވެ. މީގެ 25 ގަން މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިއީ ފުލުހުންނަށްވެސް އަދި އާންމުންނަށްވެސް ރައްކާތެރިކަން ލިބޭ އަދި ޖަވާބުދާރީ ކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ އެންމެ ޒަމާނީ ވަސީލަތެއްކަމަށް ސީޕީ ވިދާޅުވިއެވެ.