ޚަބަރު

ޑޯގް ސްކޮޑާއެކު އައްޑޫގައި ހިންގާ ޓެރަރިޒަމް އޮޕަރޭޝަން އަދިވެސް ކުރިއަށް


ޓެރަރިޒަމާއި ދެކޮޅަށް އައްޑޫ ސިޓީގައި ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އިތުރު ތަންތަންބަލާ ފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ދިވެހިން ފުލުހުންގެ ޚިދުމަތާ ޤަޢުމީ ދިފާއީ ބާރު ގުޅިގެންނެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގާ މި އޮޕަރޭޝަނަކީ އައިސިސް ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ބަޔަކު ކުރި މަސައްކަތް ހުއްޓުވާލަން ހިންގަމުންދާ އޮޕަރޭޝަނެކެވެ.

މިއޮޕަރޭޝަންގައި މިހާތަނަށް ވަނީ 14 މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކޮށްފައިވާ 14 މީހުންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ އައްޑޫއިން ހައްޔަރުކުރި 10 މީހުންނާއި މާލެއިން ހައްޔަރުކުރި 2 މީހުންގެ އިތުރުން މާލެ އަތޮޅު ގުރައިދޫއިން ހައްޔަރުކުރި 2 މީހުންނެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތިވެސް ދަނީ ބަލާ ފާސްކުރަމުންނެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަންގައި އިއްޔެއިން ފެށިގެން ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރަމުންދާކަމަށެވެ.

މިވަގުތު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އައްޑޫ ސިޓީގައި އެކަންޏެވެ.