ޚަބަރު

މަޖިލީހުގެ ޖަލްސާތަކަށް ސަޔާއި ކެއުން ހަދައިދޭނެ ބަޔަކު ހޯދަނީ


މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ފަށައިފިއެވެ.

އެއިދާރާއިން ބިދާޅުވީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަދުވަހުގެ ކުރިން ބީލަން ހުށައަޅަންޖެހޭނެކަމަށެވެ. އަދި ބީލަން ހުށައަޅާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިން މިމަހުގެ 27 ވަނަ ދުވަހު އޮންނާނެކަމަށްވެސް ރައްޔިތުން މަޖލީހުން ވިދާޅުވެއެވެ.

މަޖިލީހުން ވިދާޅުވީ ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އެ އިދާރާއިން ދީފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީނަށް އަންނަ ފަރާތްތަކަށް އެކަނިކަމަށެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު ކަމަށް މަޖިލީހުން ވިދާޅުވެއެވެ.

މަޖިލީހުގެ ސަޔާއި، ކެއުމުގެ ޚަރަދަކީ މަޖިލީހަށް ކަނޑައަޅާ ބަޖެޓުން ހަމަޖައްސާ އިންތިޒާމުތަކެކެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި މަޖިލީހަށް ކަނޑައަޅާފައިވަނީ 184 މިލިޔަން ރުފިޔާއެވެ.