ޚަބަރު

ސިޔާސީ ޕާޓީތަކަށް މެންބަރުން ދެން ވެއްދޭނީ އައު ފޯމުގައި


ސިޔާސީ ޕާޓީތަކަށް މެމްބަރުން ވައްދާ ފޯމަށް ގެނައި ބަދަލުތަކާއިއެކު، އައު ފޯމަށް އަމަލު ކުރަން ފަށައިފިއެވެ.

ސިޔާސީ ޕާޓިތަކަށް މެންބަރުން ވައްދާ ފޯމަށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނައީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި، ޕާޓީތަކުގެ މެންބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުންނެވެ. ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އިލެކްޝަން ކޮމިޝަނުން މިބަދަލު ގެނައުމަށް ނިންމާފައިވަނީ ޕާޓީތަކުންނާއި، އާންމުންގެ ފަރާތުންވެސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަބޮޑުވެ، މިކަން ހައްލުކުރުމުގެ ބޭނުމުގައެވެ. އެގޮތުން އެކޮމިޝަނުން ވަނީ ތިން ފޯމަކަށް ބަދަލު ގެނެސްފައެވެ.

ބަދަލު ގެނެސްފައިވާ ފޯމުތައް:

- އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމު:
- މެމްބަރުކަމަށް ވުމަށް އެދޭ ފޯމު
- ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު

އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހުމެވެ. މީގެ ކުރިން ސިޔާސީ ޕާޓިތަކަށް މެންބަރުން ވެއްދުމުގައި ހެކިންގެ ފިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ. މީގެ އިތުރުން ދެން ގެނައި އަނެއް ބަދަލަކީ ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހުމެވެ. މިއީ ކުރިން ޢަމަލުކުރަމުން އައި ފޯމުތަކުގައި ބޭނުންކުރާ މަޢުލޫމާތުތަކެއް ނޫނެނެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޯމަށް ބަދަލު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. އަދި މީގެ ކުރިން ޕާޓީތަކުން ފުރަމުންދިޔަ ފޯމުތަކާއި ފުރާފައިވާ ފޯމުތަކުގެ ތެރެއިން މިމަހުގެ 15 ވަނަދުވަހުގެ ކުރިން ސޮއިކޮށް ޕާޓީތަކަށް ހުށަހަޅާފައިވާ ފޯމުތައް ފިޔަވައި އެހެން ފޯމެއް އިލެކްޝަނަށް ހުށަހަޅާނަމަ ހުށަހަޅަންޖެހޭނީ އައު ފޯމުގައި ކަމަށެވެ.

ޕާޓީތަކުން ކުރީގެ ފޯމުތަކުގައި ފުރާފައިވާ ފޯމުތައް މިމަހުގެ 30ގެ ކުރިން އިލެކްޝަނަށް ހުށަހެޅުމަށްވެސް ވަނީ ފުރުސަތު ދީފައެވެ. އެމުއްދަތުގެ ފަހުން ކުރީގެ ފޯމުގައި ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަތުމަށް އިލެކްޝަނުން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.