ޚަބަރު

"ބަޖެޓަށް ފާޑުކިޔާ ފަރާތްތަކުން، ޤައުމަށް ދިމާވި އިޤްތިޞާދީ ކާރިސާއަށް ރިޔާޢަތްނުކުރޭ"


އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ދެކޮޅަށް ވާހަކަދައްކަވާ މެންބަރުން ދުނިޔޭގެ އިޤްތިޞާދީ ކާރިސާއަށް ރިޢާޔަތްކުރަައްވަން ބޭނުންފުޅުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރަގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ބަޖެޓު ފާސްކޮށްފައިވަނީ ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއިއެކު 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ފާސްކުރިގޮތަށް ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒުއެވެ.

ކޮމިޓީ ރިޕޯޓަށްބަސްހުސްކުރުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އަދި ބަޖެޓް ކޮމެޓީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިބަޖެޓަކީ ދުނިޔޭގެ އިޢްތިޞާދަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު ރާއްޖެއަށް ކުރާނެ އިޤްތިޞާދީ އަސަރު ކުޑަކުރުމަށް ހުށަހެޅިފައިވާ އުންމީދީ ބަޖެޓެއްކަމަށެވެ. ބަޖެޓާއިމެދު ހިތްހަމަނުޖެހި ވާހަކަ ދައްކަވާ ފަރާތްތަކުން މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ރިޢާޔަތް ކުރަން ބޭނުން ނުވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ބަޖެޓުން އެންމެ ބޮޑަށް އިސްކަން ދީފައިވާ އެއްކަމަކީ ތަރައްޤީއާއިއެކު ދަރަނި ކުޑަކުރެވޭނެ ގޮތްތަކެއް ހެދުންކަމަށް ފާހަގަކުރައްވާ ޝަރީފް ވަނީ ޖީއެސްޓީއާއި، ޓީޖީއެސްޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ފައިސާއާއިއެކު ދައުލަތުގެ ރިޒާވް 606 މިލިޔަން ޑޮލަރަށް އިތުރުވާނެކަމަށް ވިދާޅުވެފައެވެ.

"މިތާގައި ބަޖެޓާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންވެސް ދުނިޔޭގައި މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ބުނެފައެއް ނުވޭ. ކޯވިޑް-19 އަށް ފަހު ދުނިޔޭގައި ބޮޑު ހަނގުރާމައެއްގެ ތެރޭގައި މިއޮތީ. މިފަދަ ހާލަތެއްގައި އަޅުގަނޑުމެންގެ ކާބަފައިން 1940ގެ އަހަރުތަކުގައި މަގޫފަތް ކައިގެން އަޅުގަނޑުމެންގެ ކާބަފައިންގެ އެތައް ހާސް ބަޔަކު މަރުވި. އެކަމަކު ހަމަ އެފަދަ ހާލަތެއްގައި މިއަދުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރުމުގެ ސަބަބުން ރާއްޖޭގެ އެއްވެސް ރައްޔިތަކު މަގޫފަތްކައި ބަނޑަށް ޖެހިފައެއް ނެތް." ޝަރީފް ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަހީދު ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ޒިންމާއަކީ، ޒިންމާދާރު ސިޔާސަތުތަކެއް ކަނޑައަޅައި އެސިޔާސަތު ތަންފީޒު ކުރުން ކަމަށެވެ. ސަރުކާރާއި ވާދަވެރި ފަރާތްތަކުން ހީކޮށްގެންތިބީ ކޯވިޑާއިއެކު މިސަރުކާރަށް ހަދާނެ ގޮތެއް ނޭގި ގޮތް ހުސްވާނެކަމަށްކަމަށާއި، ނަމަވެސް އެދަނޑިވަޅުގައި އެޅި ހަރުދަނާ ފިޔަވަޅު ތަކާއިއެކު ދުނިޔޭގެ ޤައުމުތަކަށް ނަމޫނާ ދެއްކި ޤައުމަކަށް ރާއްޖެ ވެފައިވަނީ ސަރުކާރުން އެޅި ފިޔަވަޅު ތަކުގެ ސަބަބުންކަމަށް ޢަބްދުﷲ ވަހީދު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން އެންމެ ކަންބޮޑުވާ މައްސަލައަކަށް ވެގެންދަނީ މިސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ކުރާ ހޭދަ އިތުރުވެގެން ދިޔާމަ، ޞިއްޙީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި 5 ބިލިޔަން ރުފިޔާ އެބަ ޚަރަދުވޭ. އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި 3.9 މިލިޔަން ރުފިޔާ އެބަހޭދަ ކުރޭ. ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި 4 ބިލިޔަން ރުފިޔާ އެބަހޭދަކުރޭ. ގެދޮރުވެރިކަމުގެ ދާއިރާއަށް 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރޭ. ތިމާވެށީގެ ދާއިރާއަށް 2 ބިލިޔަން ރުފިޔާ ޚަރަދުކުރޭ. އިޤްތިޞާދީ ކުރިއެރުވުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކުރޭ." ވަހީދު ވިދާޅުވިއެވެ.

ކޮމެޓީ ރިޕޯޓަށް ވާހަކަ ދެއްކުމަށް ކޮންމެ މެމްބަރަކަށް 7 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ. މިރިޕޯޓަށް ބުދަ ދުވަހާއި ހަމައަށް ބަހުސް ކުރުމަށް ފުރުސަތު ދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.