ޚަބަރު

ޓެކްސްއަށް ގެނެވުނު ބަދަލާއެކުވެސް، ރާއްޖޭގެ އިންފްލޭޝަން ރޭޓު އެހެން ޤައުމުތަކަށްވުރެ ދަށްވާނެ


ޓެކްސްއަށް ގެނެސްފައިވާ ބަދަލާ އެކުވެސް އަންނަ އަހަރު ނިމޭއިރު، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ދަށް ރޭޓެއްގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެތެރޭގައި ވަނީ ފާސްކޮށްފައެވެ. އެގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ އިޞްލާހާއި ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މަޖިލީހުން ފާސްކުރީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރައްވާފައިވެއެވެ.

ޓެކްސްއަށް ގެނެސްފައިވާ ބަދަލުތަކާއި އެކު ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލި އާއްމުންނަށް އޭގެ ބުރަ އުފުލަންޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ. މިކަމަށް ރައްދުދެއްވާ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމުން އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ %3ގައި ކަމަށާއި، އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކުރެވެނީ %5.4ގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި އަދަދަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ދަށް ރޭޓެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މިސާލަކަށް، އެމެރިކާގައި %9.9، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގައި އެބަހުރި، %11ގައި އިންފްލޭޝަން، އެކަމަކުވެސް އަޅުގަނޑުދެކޭގޮތުގައި، މިހާރު ކުރަން ޖެހޭ މަސައްކަތުގެތެރެއިން، މިސާލަކަށް އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްސްތައް ކުރިއަށް ގެންދިޔުމުގައިވެސް، ޕޭ- ހާމަނައިޒޭޝަންގެ ތެރެއިން ޓީޗަރުންގެ މުސާރަ ބޮޑުކޮށް، ސިއްހީ ދާއިރާގެ މުސާރަ ބޮޑުކޮށް، މުޅި ސިވިލް ސަރވިސްގެ މުސާރަ ހާމަނައިޒްކުރަން، މިކަންތައްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެންޤައުމުތަކުގައި އިންޓްރެސްޓު ރޭޓުތައް ބޮޑުކުރަމުންދާ ކަމަށެވެ. މިއާއެކު ބޭރު ޤައުމުތަކުން ފައިސާ ހޯދުމަށް ދަތިވެފައިވާ ކަމަށެވެ.

" ފައިނޭންސް ރެއިސްކުރުމުގައި ހުރި ދޮރުތައް މިހާރުވަނީ ވަރަށް ބޮޑުތަނުން ބަންދުވެފައި، އެހެންވީމަ އަޅުގަނޑުމެންގެ އެތެރެއިން އާމްދަނީ އިތުރުކުރުމުގެ ގޮތްތަކެއް ހޯދަން އެބަޖެހޭ، ފާހަގަކޮށްލަން ބޭނުން، މިހާރު ހުރި އިންފްރާސްޓްރަކްޗަރ ބޮޑެތި މަޝްރޫޢުތަކާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، ދެން ހުރި ކަންތައްތައް ނިމިގެންދިޔައީމައި، ޖުމްލަކޮށް ރާއްޖޭގެ ވަޒީފާގެ ފުރުސަތުތައް، އުފެދި، ރައްޔިތުންނަށް އޭގެ ފައިދާ މާ ބޮޑަށްވެސް ކުރާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއިން ޓެކުހަށް ގެންނަން ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިއެވެ.