މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާއަތްތަކެއްގައި ވަޒީފާތައް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ، ކޮންމެ ތިންމަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ. އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގެ މިހާރުގެ ހާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިއްމު ހަތަރު ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސަރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރގެ ބިޒްނަސް ސަރވޭ ރިޕޯޓުގައިވާގޮތުން މައިގަނޑު ހުރިހާ ސިނާއަތްތަކެއްގައި ވަޒީފާތައް އިތުރުވެފައިވާއިރު، އެންމެ ގިނަ އަދަދަކަށް ވަޒީފާތައް އުފެދިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. އަދި މިއަހަރުގެ 4ވަނަ ކުއާޓަރއަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންގެ ދުވަސްވަރުކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ސަރވޭގެ ބައިވެރިން ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތަށްވެސްވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން އިމާރަތްކުރުމުގެ ހަރަކާތްތައް އިތުރުވެ، އެ ދާއިރާއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއްވަނީ އުފެދިފައެވެ. އެހެންނަމަވެސް މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ސިނާއަތަށް މަޑުޖެހުމެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހޯލްސޭލް އަދި ރީޓެއިލް ސިނާއަތަށް ބަލާއިރު، ވިޔަފާރީގެ ހަރަކާތްތައް 4ވަނަ ކުއާޓަރުގައި ދަށަށްދާނެ ކަމަށް ސަރވޭގެ ބައިވެރިންވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް އޯޑަރުތައް ލިބޭ މިންވަރަށް ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭތީ ވަޒީފާގެ މިންވަރަށްވެސް ބަދަލެއް ނާންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން އާއްމުކުރާ ބިޒްނަސް ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުން ކަމަށް އެމްއެމްއޭއިން ބުނެއެވެ.