ޚަބަރު

ޓެކްސް ރޭޓަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރުވުމަށް މީރާއިން އިލްތިމާސްކޮށްފި


އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީގެ ރޭޓުތަކަށް ބަދަލު އަންނާނެތީ ވިޔަފާރިވެރިން ސަމާލުވުމަށް މީރާއިިން އިލްތިމާޒްކޮށްފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް %16 އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް %8 އަށް ބަދަލުވާނެއެވެ.

އެހެންކަމުން، އެ ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައިކަން މީރާއިން ފާހަގަކުރެއެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖެނުއަރީ 2023 ގެ 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %12 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ %6 ގެ ރޭޓުންނެވެ.

އަދި 1 ޖަނަވަރީ 2023 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %16 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 8%ގެ ރޭޓުންނެވެ. އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.

މިކަމާއި ގުޅިގެން، 1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކުރެއެވެ.